ގައުމީ ވޮލިބޯޅަ ލީގުގައި ދަނޑިމަގު ސްޕޯޓްސް އެންރެކްރީއޭޝަންއާއި ބައްދަލު ކުރި މެޗް ޕޮލިސް ކްލަބުން ސީދާ ތިން ސެޓުން ކާމިޔާބުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގައި އިއްޔެ ކުރިއަށް ދިޔަ މެޗްގައި ޕޮލިސް ކްލަބްގެ ފަރާތުން މޮޅު ކުޅުމެއް ދައްކައިފައި ވާއިރު މި މެޗްގެ ފުރަތަމަ ސެޓުން ފެށިގެންވެސް ދަނޑިމަގު ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފަރުބަލިކަން ވަނީ ފެނިގެން ގޮއްސައެވެ. އެގޮތުން މެޗްގެ ދެވަނަ ސެޓާއި ތިން ވަނަ ސެޓް އެ ޓީމުން ކުޅެފައި ވަނީ ޓީމުގެ ބިދޭސީ ކުޅުންތެރިން ނުވެސް ހިމަނައެވެ.
މި މެޗްގެ ސެޓްތައް ޕޮލިސް ކްލަބުން ގެނެސްފައި ވަނީ، 25-14 ، 25-22، 25-11 އިންނެވެ.
މި މެޗަކީ ލީގުގައި ދެ ޓީމުވެސް ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗްގައި ޕޮލިސް ކްލަބުން ވަނީ 3 ސެޓް 1 ސެޓުން ހުރާ އަތުން ބަލިވެފައެވެ. އަދި ދަނޑިމަގު ވަނީ އެޗްޑީސީ އަތުން 3 ސެޓް 1 ސެޓުން މޮޅުވެފައެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބްގެ ޗިރާގުއެވެ.

ޕޮލިސް އަދި ދަނޑިމަގު ބައްދަލު ކުރި މެޗްގެ މޮޅު ކުޅުންތެރިޔާ – ފޮޓޯ/ވީއޭއެމް
5 ޓީމު ކޮލިފައިވެގެން ކުރިއަށް ގެންދާ ގައުމީ ވޮލީބޯޅަ ލީގުގައި ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމުތައް ގިންތި ކުރެވޭއިރު މިއަދާއި މިރޭ ވެސް ލީގުގެ މެޗްތައް ކުރިއަށް ދާނެއެވެ.
މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގަށްފަހު މި މަހުގެ 11 އިން 14 އަށް ގައުމީ ވޮލީބޯޅަ މުބާރާތް ކުރިއަށް ދާއިރު އެ މުބާރާތަށް ކޮލިފައިވާނީ ގައުމީ ވޮލީލީގުގެ ގަދަ 4 ޓީމެވެ.