ގައުމީ ވޮލީބޯޅަ ލީގު – ހުރާ އިން ލީގު ފެށީ 3 ޕޮއިންޓްގެ މޮޅަކުން!
ޔޫޝައު ހަސަން | 05 ޖުލައި 2025

ގައުމީ ވޮލިބޯޅަ ލީގުގެ ފުރަތަމަ މެޗްގައި ކ ހުރާއަށް ނިސްބަތްވާ ހުރާ ކޮމިއުނިޓީ ކްލަބުން ޕޮލިސް ކްލަބް ބަލިކޮށް 3 ޕޮއިންޓް ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގައި އިއްޔެ ހަވީރު ކުރިއަށް ދިޔަ މެޗްގައި ޕޮލިސް ކްލަބްގެ މައްޗަށް ހުރާ އިން ކާމިޔާބު ހޯދީ 3 ސެޓް އެއް ސެޓުންނެވެ.

ތަޖުރިބާކާރު ކޯޗް ނަދީމްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ހުރާޓީމުން 25 – 23 އަދި 25 – 17 އިން މެޗްގެ ފުރަތަމަ ދެ ސެޓްނަގައި ތިން ވަނަ ސެޓްގައިވެސް 3 ޕޮއިންޓްގެ ލީޑެއްގައި ކުޅެމުން އަންނަނިކޮށް ސެޓްގެ ފަހު ވަގުތު ކުޅުން ރަނގަޅު ކޮސް ޕޮލިސްޓީމުން ވަނީ 25 – 22 އިން ތިނަ ވަނަ ސެޓް ކާމިޔާބުކޮށްފައެވެ.

މި ސެޓްގެ ނަތީޖާ ބަދަލުވި ދަނޑިވަޅުގައި ރެފރީގެ ގިނަ ނިންމުން ތަކަކަށް ހުރާ ޓީމުގެ ފަރާތުން ނުރުހުންވުން ފާޅުކުރި މަންޒަރުވެސް ފެނިގެން ދިޔައެވެ.

ޖެހިގެން އައި ހަތަރުވަނަ ސެޓް 25 – 23 އިން ކާމިޔާބުކޮށް މި މެޗުން ހުރާޓީމު ވަނީ 3 ޕޮއިންޓް ހޯދައިފައެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުރާ ކޮމިއުނިޓީ ކްލަބްގެ ތަރުޝާއެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި ހުރާ އަދި ޕޮލިސް ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާ – ފޮޓޯ/ވީއޭއެމް

5 ޓީމު ކޮލިފައިވެގެން ކުރިއަށް ގެންދާ ގައުމީ ވޮލީބޯޅަ ލީގުގައި ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމުތައް ގިންތި ކުރެވޭއިރު މިއަދާއި މިރޭ ވެސް ލީގުގެ މެޗްތައް ކުރިއަށް ދާނެއެވެ.

އެއީ މިއަދު ހަވީރު 16:30 ގައި ފުވައްމުލަކަށް ނިސްބަތްވާ ދަނޑިމަގު ސްޕޯޓްސް ކްލަބް އަދި ޕޮލިސް ކްލަބް ބައްދަލު ކުރާއިރު މިރޭ 20:30 މެޗްގައި ދިވެހި ސިފައިންގެ ކްލަބް އަދި ހުރާ ކޮމިއުނިޓީ ކްލަބެވެ.

މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގަށްފަހު މި މަހުގެ 11 އިން 14 އަށް ގައުމީ ވޮލީބޯޅަ މުބާރާތް ކުރިއަށް ދާއިރު އެ މުބާރާތަށް ކޮލިފައިވާނީ ގައުމީ ވޮލީލީގުގެ ގަދަ 4 ޓީމެވެ.

ގުޅުންހުރި ލިޔުންތައް