ވީއޭއެމް ކަޕް – އެޗްޑީސީ ކައިރިން ބަދަލު ހިފައި ވީއޭއެމްކަޕްގެ ތަށި ސިފައިން ހޯދައިފި!
ޔޫޝައު ހަސަން | 03 ޖުލައި 2025

މިދިޔަ އަހަރުގެ ޗެމްޕިއަން އެޗްޑީސީ ބަލިކޮށް މިއަހަރުގެ ވީއޭއެމް ކަޕްގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގައި ރޭ ކުރިއަށް ދިޔަ ފޯރިގަދަ ފައިނަލްގައި ދެ ޓީމުގެ ފަރާތުންވެސް ހަމަ ހަމަކުޅުމެއް ފެނިގެން ގޮއްސައިވާއިރު މެޗްގެ ސެޓްތައް ގޮއްސައިވަނީ ވެސް ދާދި ހަމަހަމަކޮށްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފުރަތަމަ ސެޓް 26 – 24 އިން ދިވެހި ސިފައިންގެ ކްލަބް ގެެނެއްސައިވަނިކޮށް ކުޅުން އިތުރަށް ވަރުގަދަކޮށް ޖެހިގެން އައި ދެ ދެޓް އެޗްޑީސީން ގެނެއްސައި ވަނީ، 25 – 23 އަދި 25 – 22 އިންނެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ތަށި ގެއްލުމުން މި އަހަރު ތަށި ހޯދުމުގެ އަޒުމު ވަރުގަދަކޮށް ޖެހިގެން އައި ހަތަރުވަނަ ސެޓާއި ފަސް ވަަނަ ސެޓް 25 – 20 އަދި 15 – 10 އިން ގެނެސް މި މުބާރާތުގެ ޗެމްޕިއަންކަން ސިފައިން ވަނީ ނަގައިފައެވެ.

ރޭގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ދިވެހި ސިފައިންގެ ކްލަބްގެ ލުއިޒްއެވެ.

މުބާރާތުގެ ޑްރީމް ޓީމް:

ބެސްޓް އައުޓް ސައިޑް އެޓޭކަރުން:

އެޗްޑީސީގެ އިސްމާއީލް ސާޖިދް އަދި ސިފައިންގެ ކްލަބްގެ އާދަމް ނަސީމް

ބެސްޓް މިޑްލް ބްލޮކަރުން:

އެޗްޑީސީގެ މުހައްމަދު އަހުސަން އަދި ސިފައިންގެ އާދަމް ނަސީމް

ބެސްޓް އޮޕޮސިޓް ހިޓަރ:

އެޗްޑީސީގެ ޝަމާއިލް ހުސައިން

ބެސްޓް ސެޓަރ:

ސިފައިންގެ ހުސައިން ޝާހިދު

ބެސްޓް ލިބެރޯ:

ހުރާ ކޮމިއުނިޓީ ކްލަބްގެ އަހްމަދު މުޒްލިފް

މޯސްޓް ޕްރޮމިސިންގ ޕްލޭޔަރ:

ހުރާ ކޮމިއުނިޓީ ކްލަބްގެ ސައިފް

ބެސްޓް ކޯޗް:

ސިފައިންގެ ކޯޗް ޖުނައިދު

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ:

ސިފައިންގެ ހުސައިން ޝާހިދު

މި އަހަރުގެ ސީޒަންގައި ހިމެނޭ ގައުމީ ވޮލީ ބޯޅަ ލީގަށް މި އަހަރު ކޮލިފައިވާގޮތަށް ހަމަ ޖެހިފައި ވަނީ 5 ޓީމެވެ. އެގޮތުން ލީގަށް ކޮލިފައިވެފައިވަނީ ޗެމްޕިއަން ސިފައިންގެ ކްލަބާއި ދެވަނަ އަށް ދިޔަ އެޗްޑީސީއާއި ތިންވަނަ އަށް ދިޔަ ދަނޑިމަގު ޓީމުގެ އިތުރުން ހަތަރުވަނަ ޓީމު ހުރާ އަދި ފަސްވަނަ ޓީމު ޕޮލިސް ކްލަބެވެ.

ގައުމީ ވޮލީބޯޅަ ލީގު ކުރިއަށް ދާނީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

ގުޅުންހުރި ލިޔުންތައް