ބީއެމްއެލް ޑެބިޓް ކާޑް ލިމިޓް 500 ޑޮލަރަށް އިތުރުކޮށްފި
ޔޫޝައު ހަސަން | 30 ޖޫން 2025

ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް 500 ޑޮލަރަށް ބޮޑު ކޮށްފިއެވެ.

މީގެ ކުރިން އޮންލައިން ވިޔަފާރީތަކާއި އެހެނިހެން ބައިނަލްއަގްވާމީ މުއާމަލާތްތަކުގައި ބީއެމްއެލްގެ ޑެބިޓް ކާޑުން ބޭނުން ކުރެވޭ ލިމިޓަކީ 250 ޑޮލަރެވެ.

ބީއެމްއެލްއިން މިއަދު ބުނީ އެ ބޭންކުން ދުކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާއިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށެވެ.

އެގޮތުން ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ، ރާއްޖޭން ބޭރަށް ދަތުރުނުކުރާ މީހުންގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި މުދަލާއި ޚިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއެކު އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށެވެ.

އަދި އެފަދަ މުއާމަލާތްތަކަށް  10 ޔޫއެސްޑޮލަރު ޗާޖްކުރާނެ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު މިދިޔަ އަހަރުގެ އޮގަސްޓް, 25 ގައި އެއްކޮށް އުވައިލިއެވެ. އެކަމަކު، އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ ހިލާފަށް ކުރިކަމެއް ކަމަށް ސަރުކާރުން ބުނި ފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދަށް ބީއެމްއެލުން ވަނީ ނިންމުން ބަދަލުކޮށްފައެވެ.

ރާއްޖޭގެ މާކެޓުގައި ޑޮލަރު ލިބުން ދަތިވެފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން ވަނީ މިދިޔަ އަހަރުން ފެށިގެން ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.

 

ގުޅުންހުރި ލިޔުންތައް