މިހާރު ކުރިއަށްދާ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމް ކަޕް 2025 ގެ ގްރޫޕް ސެޓޭޖްގެ ފަހު މެޗްތަކުގައި ގްރޫޕް ބީގެ ސަދާން ސްޕޯޓްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައި އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދަނޑިމަގު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އިއްޔެގެ މެޗަށް ނިކުތް އިރު ދަނޑިމަގަށް ކުޅުނު ދެ މެޗުން ލިބުނީ އެންމެ 3 ޕޮއިންޓެވެ. އެއީ ޕޮލިސް ކްލަބާއި ދެކޮޅަށް ކުޅުނު މެޗުން 3 ސެޓު 1 ސެޓުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓެވެ. މި މެޗަށް ނިކުތް އިރުވެސް ސަދާން ސްޕޯޓްސްއިން ވަނީ ކުޅުނު ދެ މެޗުން ބަލިވެ ސެމީގެ ފުރުސަތު ގެއްލިފައެވެ. ހަމަ އެޔާއެކު ދަނޑިމަގު ޓީމަށް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިއުމަށް އޮތް ހަނި ފުރުސަތަކީ މި މެޗުން 3 ޕޮއިންޓް ހޯދައިގެން މެޗް ކާމިޔާބު ކުރުމެވެ.
ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބު ކުރި މި މެޗްގެ ސެޓްތައް ދަނޑިމަގު ޓީމުން ގެނައީ، 25 – 20 ، 25 – 12 އަދި 25 – 19 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަނޑިމަގުގެ ބަޓްސޫރީ (ޖނ:7) އެވެ.

ވީއޭއެމްކަޕްގައި ދަނޑިމަގު އަދި ސަދަން ބައްދަލު ކުރި މެޗްގެ މޮޅު ކުޅުންތެރިޔާ: ފޮޓޯ/ވީއޭއެމް
މި މެޗްގެ ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ކުޅުނު 3 މެޗުން 7 ޕޮއިންޓާއެކު ސިފައިންގެ ކްލަބެވެ. ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ކުޅުނު 3 މެޗުން 6 ޕޮއިންޓާއެކު ދަނޑިމަގު ޓީމެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ކްލަބް އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކްލަބްގެ އިތުރުން ސްޕޯޓްސް ކްލަބް ސިޓީ އަދި ބްލޫސް ފޮރ ވޮލީބޯލް ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ސަދާން ސްޕޯޓްސް ކްލަބެވެ.
މުބާރާތުގެ ތާވަލު ރޭވިފައި އޮތް ގޮތުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް މާދަމާ ކުރިއަށް ދާއިރު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމު އެޗްޑީސީ އަދި ގްރޫޕް ބީގެ ދެވަނަ ޓީމު ދަނޑިމަގެވެ. މި މެޗް އޮންނާނީ މާދަމާ ހަވީރު 16:15 ގައެވެ. ދެވަނަ ސެމީގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމު ހުރާ ކޮމިއުނިޓީ ކްލަބް އަދި ގްރޫޕް ބީގެ އެއްވަނަ ޓީމު ދިވެހި ސިފައިންގެ ކްލަބެވެ. މި މެޗް އޮންނާނީ މާދަމާ ރޭ 20:30 ގައެވެ. ވީއޭއެމް ކަޕުން ގައުމީ ވޮލީބޯޅަ ލީގަށް މި އަހަރު 5 ޓީމެއް ކޮލިފައިވާއިރު ދެ ގްރޫޕްގެވެސް އެއްވަނަ ދެވަނަ ޓީމު ގައުމީ ލީގަށް ވަނީ ކޮލިފައިވެފައެވެ. ލީގުގެ ފަހު ފުރުސަތު ލިބޭނީ ދެ ގްރޫޕްގެވެސް 3 ވަނަ އަށް ދިޔަ ދެ ޓީމުގެ ދެމެދުގައި ކުޅެވޭ ޕްލޭ އޮފް މެޗު ކާމިޔާބު ކުރާ ޓީމަކަށެވެ. އެއީ ގްރޫޕް އޭގެ ތިންވަނަ ޓީމު ސިޓީ އަދި ގްރޫޕް ބީގެ ތިން ވަނަ ޓީމު ޕޮލިސް ކްލަބެވެ. މި މެޗް އޮންނާނީ މިރޭ 20:30 ގައެވެ.