މިހާރު ކުރިއަށްދާ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމް ކަޕް 2025 ގެ ގްރޫޕް ސެޓޭޖްގައި އިއްޔެގެ ދެވަނަ މެޗްގައި ސަދާން ސްޕޯޓްސް ކަލަބުގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައި ޕޮލިސް ކްލަބުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
އިއްޔެ 15:00 ގެ މެޗް ޕޮލިސް ކްލަބުން ކާމިޔާބުކޮށްފައި ވަނީ، 25 – 22 ، 25 – 18 އަދި 25 – 20 ގެ ނަތީޖާއަކުންނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީ ގެ ޗިރާގު (ޖނ:9) އެވެ.

ވީއޭއެމްކަޕްގައި ސަދާން ސްޕޯޓް އަދި ޕޮލިސް ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ކްލަބް އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކްލަބްގެ އިތުރުން ސްޕޯޓްސް ކްލަބް ސިޓީ އަދި ބްލޫސް ފޮރ ވޮލީބޯލް ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ސަދާން ސްޕޯޓްސް ކްލަބެވެ.
މުބާރާތުގެ ތާވަލު ރޭވިފައި އޮތް ގޮތުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.
މިއަދާއި މިރޭވެސް މި މުބާރާތުގެ މެޗްތައް ކުރިއަށް ދާއިރު، މިއަދު 15:00 ގައި އޮންނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ޕޮލިސް އަދި ސިފައިންގެ ކްލަބެވެ. ހަވީރު 17:00 ގައި އޮންނަ މެޗްގައި ބައްދަލު ކުރާނީ ގްރޫޕް ބީގެ ދަނޑިމަގު އަދި ސަދާން ސްޕޯޓްސް އެވެ. އަދި މިރޭ 20:30 ގެ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ގްރޫޕް އޭގެ ހުރާ ކޮމިއުނިޓީ ކްލަބް އަދި އެޗްޑީސީއެވެ.