ހަނގުރާމައާއި ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލައި ކުއްލި މައްސަައެއް ހުށަހަޅައިފި
ޔޫޝައު ހަސަން | 24 ޖޫން 2025

އިސްރާއީލާއި އީރާނާއި ދެމެދު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ކުރިމަތިވެދާނެ ދަތިތަކަކަށް ދުރާލައި ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މިޖިލިހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހްމަދު ނަސީމެވެ.

އެގޮތުން 45 މެމްބަރުންގެ ވޯޓާއެކު މި މައްސަލަ މަޖިލިހުގެ ތަޅުމަށް ބަލައިގަނެފައި ވާއިރު، މި މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ މިއީ ރާއްޖެ އަށާއި މުޅި ދުނިޔެއަށް ވެސް ހާއްސާސް ދަނޑިވަޅެއް ކަމަށާއި މިއީ 3 ވަނަ ބޮޑު ހަނގުރާމައިގެ ފެށުން ކަމަށް ދެކޭ މީހުން ވެސް މަދު ނޫން ކަމަށެވެ.

އެގޮތުން އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި، ގޭސް ފަދަ ތަކެތި މެދުނުކެނޑި، އެތެރެކުރެވޭނެކަން ކަށަވަރުކުރަން ޖެހޭ ކަމަށާއި ބޭހާއި ކާޑުގެ ބާވަތްތަކާއި އަދި ތުއްތު ކުދިންގެ ކާނާ ފަދަ، ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބެން ހުންނާނެކަން ކަށަވަރުކުރުމަށްޓަކައި، ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމުކަމެއް ކަމަށް މީކާއީލް ވަނީ ވިދާޅުވެފައެވެ.

އަދި މި ދަނޑިވަޅުގެ ސަބަބުން  ރާއްޖެއަށް، ޓޫރިސްޓުން އައުން، މަދުވެ، އެކަމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ އާމްދަނީ ދަށްވުމާއި، ބޭރު ފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވުން ފަދަ ދަތި ހާލަތެއް ދިވެހިރާއްޖެއަށް ކުރިމަތިވުމަކީ، ނުހަނު އެކަށީގެންވާ ކަމެއް ކަމުގައިވެސް މީކާއިލް ވިދާޅުވިއެވެ.

 

 

ގުޅުންހުރި ލިޔުންތައް