ސެންޓްރަލް އޭޝިޔާ ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން އުޒްބަކިސްތާނުގެ ޓަޝްކެންޓް ގައި މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކާވާ 19 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ފިރިހެން ވޮލީބޯޅަ މުބާރާތުގައި ދިވެހިރާއްޖޭގެ ޓީމެއް މި އަހަރުވެސް ބައިވެރި ނުވެ މުބާރާތް ފަށައިފިއެވެ.
މި މުބާރާތުގައި އީރާން، ކަޒަކިސްތާން، ކިރިގިސްތާނާއި އުޒްބަކިސްތާނުގެ އިތުރުން އިންޑިޔާއިން ބައިވެރިވެފައި ވާއިރު މުބާރާތުގައި ޒުވާން ދިވެހިޓީމެއް ބައިވެރި ނުވި ސަބަބާއި މެދު ވޮލީބޯޅައަށް ލޯބި ކުރާ ގިނަ ފަރާތްތަކެއް އަންނަނީ ސުވާލު އުފައްދަމުންނެވެ.
އެގޮތުން ކާވާގެ ރައީސަކަށް ވޮލީބޯޅާ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ހުރެ ކާވާގެ މައި އޮފީސް ރާއްޖޭގައި ހުރެ ކާވާއިން ރާވާ އިންތިޒާމު ކުރާ މުބާރާތްތަކުގެ ދިވެހި ޓީމުތައް ބައިވެރި ނުވުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.
ފާހަގަކޮށްލަން ޖެހެނީ ދާދި ފަހުން އިރާންއަށް ނިސްބަތްވާ ދުނިޔޭގެ ފެންވަރުގެ ކޯޗަކާއި އެކު 2027 ވަނަ އަހަރުގެ އައިއޯއައިޖީއަށް އަމާޒު ހިފައިގެން 23 އަހަރުން ދަށުގެ ގައުމީ ޓީމެއް އެކުލަވާލުމަށް ފަރިތަކުރުންތަކެއް ފެށި ނަމަވެސް އެކަން އެންމެ އެދެވޭގޮތެއްގައި ކުރިއަށް ނުގޮސް ވަސީލަތްތައް ރާއްޖޭގައި ނެތްކަމަށް ބުނެ އެ ކޯޗްވެސް ޓީމު ދޫކޮށް އެނބުރި ގައުމަށް ގޮއްސައިވާކަމަށެވެ. ކޯޗް ދިއުމާއި ހަމައަށް އައި އިރު 30 ކުޅުންތެރިންގެ ސްކޮޑްއެއް އެކުލަވާލެވިފައި ވީ ނަމަވެސް އޭގެ ފަހުން އެ ޓީމުގެވެސް އެއްވެސް ފަރިތަކުރުމެއް ކުރިއަށް ގޮއްސައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.
އޭގެ ފަހުން އަނެއްކާވެސް ވީއޭއެމްއިން އިއުލާނުކޮށްގެން 14،16 އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމުތައް އެކުލަވާލުމަށްޓަކައި ޓްރައި އައުޓްސްތަކެއް މި މަހުގެ 3 ވަނަ ދުވަހުން 6 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮއްސައެވެ.
ދާދި ފަހުން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ކާވާގެ ރައީސް އަދި ވީއޭއެމްގެވެސް ރައީސް ލަތީފް ވަނީ 2027 ވަނަ އަހަރުގެ އައިޖީއައިއޯގައި ރާއްޖޭގެ ޓީމްތައް ފައިނަލް ކުޅުމަކީ އަމާޒެއް ކަމަށެވެ. އެހެން ނަމަވެސް ޖޫނިއަރ ޓީމުތައް އެކަށޭނެ ގޮތެއްގައި ކުރިއަށް ނުގެންދިއުމުގެ އިތުރުން ސީނިއަރ ފިރިހެން ޓީމުގެ ފަރިތަކުރުންވެސް ކުރިއަށް ނުގެންދާތާ އަހަރެއްހާ ދުވަސް ވެދާނެއެވެ.
ވޮލީގެ އާ ޖީލެއް ބިނާ ކުރުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތައް މި ފަހުގެ އަހަރުތަކުގައި ރާއްޖޭގައި ވަރަށް ބޮޑުތަނުން މަޑު ޖެހިފައިވާއިރު، ރާއްޖޭގައި ވައިޑީޕީއަށް އަމާޒުކުރެވިގެން ޕޮލިސް ކްލަބްގެ ފަރާތުން އެކަޑަމީއެއްވެސް ހިންގަމުން އަންނަތާ 3 ވަރަކަށް އަހަރު މިވަނީ ވެފައެވެ. އޭގެ ފަހުންވެސް 3 ވަރަކަށް ވޮލީ އެކަޑެމީ އުފެދި މިދިޔަ އަހަރުން ފެށިގެން ވައިޑީޕީ ހަރަކާތްތައްވެސް ރާއްޖޭގައި ކުރިއަށް ދާއިރު އެ ޕްރޮގްރާމުތަކުން ހުނަރުވެރި ޒުވާން ކުޅުންތެރިން ނުއުފެއްދެނީތޯވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ނިއުސް ލިންކް އެމްވީއަށް މައުލޫމާތު ދެއްވަމުން މަޝްހޫރު ވޮލީ ކޯޗެއް ވިދާޅުވީ، ރާއްޖޭގެ ވޮލީގެ ހާލަތު މިހާރު އޮތީ ސީނިއަރ ޓީމުތަކަށްވުރެ ޖޫނިއަރ ޓީމުތަކަށް އަމާޒުކޮށްގެން ވޮލީ ކުރިއެރުވުމަށް މަސައްކަތް ކުރަން ޖެހޭ ހާލަތުގައި ކަމަށެވެ. އެގޮތުން މިހާރު ސީނިއަރ ޓީމަށް ކުޅެމުން އަންނަ 90 އިންސައްތަ ކުޅުންތެރިންނަކީ ދުވަސްވީ ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންގެ ލެވެލްގައި އެ ފެންވަރުގައި ކުޅޭނެ ތަޖުރިބާއާއެކު ކުޅުންތެރިން އުފެދެމުން އަންނަތަން ނުފެންނަ ކަމީ ވޮލީގެ ޒުވާން ޖީލެއް އުފެއްދުމަށް އެންމެ ދެމެހެއްޓެނިވި މަސައްކަތެއް ކުރެވެމުން ނާންނަ ކަމުގެ ހެއްކެއް ކަމަށެވެ.
ކާވާގެ ފަރާތުން ކޮންމެ އަހަރަކުވެސް ޒުވާން އުމުރުފުރާތަކަށް އަންހެން އަދި ފިރިހެން މުބާރާތްތައް ބާއްވަމުން އަންނަ އިރު އެއިން އެއްވެސް މުބާރާތެއްގައި ރާއްޖޭގެ ޓީމެއް ނުފެނެއެވެ.