ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
”ޕީއެސްއެމް“އަށް ދެއްވި އިންޓަރވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރެވެމުން އަންނަ މަސައްކަތަކީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިހާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުން ކަމަށެވެ. ހަމައެޔާއެކު އެ މަސައްކަތުގެ ތެރެއިން ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ވެސް ކުރެވެމުން އަންނަ ކަމުގައެވެ.
އޭގެ އިތުރުން ޒާހިދު ފާހަގަކުރެއްވީ އިންތިހާބުގެ ތައްޔާރީތައް ކުރިއަށް ދާއިރު ދެމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށާއި އިންތިހާބާ ބެހޭ މަރުކަޒުގެ ގޮތުގައި އިމާރާތެއް ހޯދުމުގައި ދަތިތައް ހުރިކަން ފާހަގަކުރެއްވިއެވެ.
އަންނަ އަހަރު ބާއްވާ އިންތިހާބު ހަރަދުކުޑަކޮށް ބޭއްވުމަށް ވެސް ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަން ފާހަގަކުރައްވައި ޒާހިދު އިތުރަށް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދުމުގެ މަސައްކަތްތައް އިލެކްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ ކަމަށެވެ.