ޔުމްނު މައްސަލަ ތަހުގީގު ކުރާ ކޮމިޝަންގެ މެމްބަރުންނަށް އެލަވަންސެއް!
ޔޫޝައު ހަސަން | 04 މެއި 2025

މި މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނާ ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ރައީސްގެ ގަރާރަކުން އުފެއްދެވި ރިޔާސީ ކޮމިޝަނުގައި ހިމެނޭ މެމްބަރުންނަށް 15000ރ ގެ އެލަވަންސެއް ދިނުމަށް ނިންމައިފިއެވެ.

މިކަން އިއުލާނުކުރެއްވީ ރައީސް އޮފީހުގައި އިއްޔެ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސް ޑރ މުހައްމަދު މުޢިއްޒެވެ.

އެގޮތުން ކުރީގެ ސަރުކާރުތަކުގެ ކޮމިޝަންތަކުގެ މެންބަރުންނަށް ވުރެ މި ކޮމިޝަންގެ މެންބަރުންގެ އެލަވެންސް ކުޑަވާނެކަން ހާމަކުރައްވައި ރައީސް ވިދާޅުވީ، ކޮމިޝަނުގެ ފަސް މެންބަރުންގެ ތެރެއިން ޑރ. މޫސާ މުރާދާއި ޖަބީން މުޙައްމަދަކީ މިހާރުވެސް ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށް ވުމުން، އެ ދެ ބޭފުޅުންނަށް ލިބިގެންދާނީ މަހަކު 5,000 ރުފިޔާގެ އިނާޔަތެއްކަމަށެވެ.

އަދި ކޮމިޝަނުގެ އަނެއް ތިން މެންބަރުންކަމުގައިވާ، ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު، ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަޙްމަދު މުޙައްމަދު، އަދި އާމިނަތު އީނާސްއަކީ އިތުރު ވަޒީފާއެއް އަދާ ނުކުރައްވާ ބޭފުޅުން ކަމުން މި ބޭބޭފުޅުންނަށް މަހަކު 15,000 ރުފިޔާގެ އެލަވަންސެއް ދެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮމިޝަނުގެ ރިޕޯޓުގައި ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ވާހަކައެއް ނެތްނަމަ، އެ ރިޕޯޓު އެއްކޮށް ހާމަކުރައްވާނެ ކަމަށެވެ. އަދި ކޮމިޝަނުގެ މަސައްކަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި، ކޮމިޝަނާ ބައްދަލުކުރެއްވުމަށް އެދިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް