މިހާތަނަށް ދުނިޔޭގެ ރައީސަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ބާއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ދުނިޔޭގެ ރިކޯޑެއް ހައްދަވައިފިއެވެ.
ނޫސްވެރިންނާއި ބައްދަލު ނުކުރައްވާތާ 1 އަހަރަށް ވުރެ ގިނަ ދުވަސް ކުރެއްވުމަށް ފަހު ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ދުވަހާ ދިމާކޮށް އިއްޔެ ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުން ހެނދުނު 10:00 ގައި ފެށިގޮތަށް އެ ބައްދަލުވުން ނިންމަވާލެއްވީ ރޭ މެންދަމު 12:54 ގައެވެ.
ޖުމުލަ 36 ނޫސްވެރިންނާއެކު ފެށި މި ބައްދަލުވުން ދިގުލައި ބައެއް ނޫސްވެރިން ރައީސް އޮފީސް ދޫކޮށް ދިނަ ނަމަވެސް އިއްޔެގެ ބައްދަލުވުމުގައި ނޫސްވެރިން ބޭނުންވަރަކަށް ބޭނުން ސުވާލެއް ކުރުމުގެ ފުުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެގޮތުން ބައެއް ނޫސްވެރިން ވަނީ ތިރީހަށް ވުރެ ގިނަ ސުވާލުވެސް ކޮށްފައެވެ.
ރައީސް އިއްޔެ މި ހެއްދެވި ރިކޯޑްގެ ކުރިން ދުނިޔޭގެ އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުގެ ރިކޯޑް އޮންނެވީ، ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔާ ޒެލެންސްކީގެ އަތްޕުޅުގައެވެ.
އެއީ އެމަނިކުފާނު 2019 ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެވެ. އެއީވެސް 14 ގަޑިއިރުގެ ބައްދަލުވުމެކެވެ.