ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި މިހާރު ކުރިއަށްދާ، ގައުމީ ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ފަހަތުން އަރައި ހުރާ ބަލިކޮށް ޕޮލިސް ކްލަބުން މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޔަގީންކޮށްފިއެވެ.
ރޭ ކުޅުނު ފޯރިގަދަ މެޗްގެ ފުރަތަމަ ސެޓް ހުރާ އަތުން25 – 20 އިން ހޯދައިފައި ވަނިކޮށް ހުރާޓީމުން ކުޅުން އިތުރަށް ވަރުގަދަކޮށް ފަސޭހަކަމާއެކު 25 – 16 އަދި 25 – 16 އިން ގެނެެއްސައެވެ. ހުރާއިން ދެ ސެޓް ގެެނެއްސައި ވަނިކޮށް އަނެއްކާވެސް މެޗްގެ 4 ވަނަ ސެޓް 25 – 11 އިން ގެންގޮއްސައި ވަނީ ޕޮލިސްޓީމުންނެވެ.

ގައުމީ މުބާރާތުގެ ސެމީ ފައިނަލުގައި ހުރާ އަދި ޕޮލިސް ބައްދަުލު ކުރި މެޗްގެ ތެރެއިން – ފޮޓޯ/ ވީއޭއެމް
މެޗްގެ ނަތީޖާ ނެރުމަށް ކުޅުނު 5 ވަނަ ސެޓް ފަށައިގެން ހުރާ ޓީމުން 2 ޕޮއިންޓްގެ ލީޑެއް ނަގައިގެން ކުޅެމުން ގޮސް އެ ލީޑު ފުޅާކޮށް 13 – 7 ގެ ލީޑެއް ވެސް ނެގިއެވެ. އެހެން ނަމަވެސް އެދަނޑިވަޅުގައި އެންމެ އެދެވޭ ޕޮއިންޓެއް ނުހޯދި ހުރާ ޓީމުން ނަގައިފައިވާ ލީޑު ކުޑަ ކުރަމުން ގޮސް ޕޮލިހުން ވަނީ ސެޓް 15 – 13 އިން ގެނެެސް މެޗް ކާމިޔާބުކޮށްފައެވެ.

ގައުމީ މުބާރާތުގެ ސެމީ ފައިނަލުގައި ހުރާ އަދި ޕޮލިސް ބައްދަުލު ކުރި މެޗްގެ ތެރެއިން – ފޮޓޯ/ ވީއޭއެމް
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބްގެ ބްރެޒިލް ކުޅުންތެރިޔާ ގްރެޒިލޭއެވެ.
ގައުމީ މުބާރާތަށް ކޮލިފައިވެފައި ވަނީ މިދިޔަ ގައުމީ ލީގުގެ ގަދަ 4 ޓީމެވެ. އެއީ ލީގު ޗެމްޕިއަން ޕޮލިހުގެ އިތުރުން 2 ވަނަ ޓީމުގެ ގޮތުގައި ވެމްކޯ އަދި ތިންވަނަ ޓީމުގެ ގޮތުގައި ހުރާ ކޮމިއުނިޓީ ކްލަބް އަދި ހަތަރުވަނަ ޓީމުގެ ގޮތުގައި ފްލެކްސޯ ސްޕޯޓްސް ކްލަބެވެ. ހުރާ ޓީމާއި ފްލެކްސޯއަކީ މިއަހަރުގެ ސީޒަނަށް މުޅިން އަލަށް ކޮލިފައިވި ދެޓީމެވެ.
މުބާރާތުގެ އޮނިގަނޑު ރޭވިފައި އޮތް ގޮތުން ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރުމަށްފަހު އެއްވަނަ ޓީމު ފައިނަލަށް ދާނެއެވެ. ފައިނަލްގެ ޖާގަ ލިބޭ ދެވަނަނަ ޓީމަކަށް ވަނީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. ލީގުގެ ފުލަށް ދާޓީމެއް މުބާރާތާއި އަލްވަދާއު ކިޔާނެއެވެ.
މުބާރާތުގެ ގްރޫޕް ބުރު ނިމުނު އިރު އެންމެ ކުރީގައި އޮތީ ވެމްކޯއެވެ. އެއާއެކު އެޓީމުން ވަނީ ސީދާ ފައިނަލަށް ދަތުރުކޮށްފައެވެ. ޕޮލިހާއި ވެމްކޯ ބައްދަލުކުރާ ފައިނަލްމެޗް އޮންނާނީ މިރޭ 20:30 ގައި ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައެވެ.