ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލަ ތަހުޤީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް!
ޔޫޝައު ހަސަން | 27 އޭޕްރިލް 2025

މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު މާލޭ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުމު މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.

ތިން ބޭފުޅުންގެ މައްޗަށް ހިމެނޭ މި ކޮމިޝަން ގައި ހިމެނެނީ ކުރީގެ ބަންޑާރަ ނާއިބު، ގ. ހަސަންކާރިގެ، ޑރ. މުޙައްމަދު މުނައްވަރާއި ވ. އަލްމާން، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު ގެ އިތުރުން ސ. ހިތަދޫ، ސީސަންމާގެ، ޑރ. މުހައްމަދު ހަބީބެވެ.

ރައީސްގެ ހާއްސަ ގަރާރަކުން އެކުލަވާލި މި ކޮމިޝަން ދެމި އޮންނާނީ ކޮމިޝަނަށް މަތިކުރާ ޒިންމާތައް އަދާކޮށް ނިމިއްޖެކަމަށް ރައީސް ކަނޑައަޅުއްވައި އެންގުމާއި ހަމައަށް ކަމުގައިިވެސް އެ ގަރާރުގައި ވެއެވެ.

އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް މި އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ

ޔުމްނު ވެއްޓުމުގެ ކުރިން އޭނާއާ އެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ ބަންދަށް މިހާރު ވަނީ ފަސް ދުވަސް ޖަހައިފަ އެވެ .

މީގެ އިތުރުން އެރޭ އޭނާއާއެކު އުޅުނު އިތުރު 8 މީހެއްގެ ފޯނުވެސް ފުލުހުން ވަނީ މިހާރު ހިފަހައްޓައިފައެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ގޮތާއި މެދު ހިތްހަމަ ނުޖެހި ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ފާއިތުވި 4 ރޭ މުޒާހަރާކޮށްފައެވެ. އަދި މައްސަލައިގައި ޔުމްނުއަށް އިންސާފު ލިބެންދެން މި މުޒާހަރާތައް ކުރިއަށް ދާނެ ކަމުގައިވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ފާހަގަކޮށްލަން ޖެހެނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ދަމުން ދަނިކޮށް، މިކަމާއި މެދު އާންމުންވެސް ފުލުހުންގެ އިދާރާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައި  ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ރޭ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

 

ގުޅުންހުރި ލިޔުންތައް