ވީއޭއެމް ކަޕް 2025 – ސިޓީ ފްރެންޑްސްއަތުން ފަސޭހަ މޮޅެއް ހޯދައި ވަރުގަދަ ވެމްކޯ ސެމީގައި ޕޮލިހާއި ދެކޮޅަށް!
ޔޫޝައު ހަސަން | 15 އޭޕްރިލް 2025

ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި މިހާރު ކުރިއަށްދާ، ވޮލީބޯޅަ އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް 2025) ގައި މުބާރާތުގައި ރޭ ކުޅުނު ގްރޫޕް ބީގެ ފަހު މެޗްގައި ސިޓީ ފްރެންޑްސްގެ މައްޗަށް ކުރި ހޯދައި ވަރުގަދަ ވެމްކޯއިން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީގައި ޕޮލިހާއި ކުރިމަތިލާން ޖެހިއްޖެއެވެ.

މެޗްގެ ފުރަތަމަ ސެޓްގައި ވެމްކޯއިން ފެނިގެން ގޮއްސައި ވަނީ ނުހަނު އިތުބާރާއެކު ކުޅުނުތަނެވެ، އެގޮތުން ސިޓީ ފްރެންޑްސްގެ އެޓޭކްތައް ޑިފެންސްކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވައި ވަރަށް ބޮޑު ލީޑެއްގައި އޮވެ އެ ސެޓް ގެނެސްފައިވަނީ 25 – 3 ގެ ނަތީޖާއަކުން ފަސޭހަކަމާއެކުއެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މާޖިދާ ޖޫޒާންގެ އިތުރުން ޤައުމީ ޓީމުގެ މެދަށް ކުޅޭ ރިޔާޝާ އަދި ނަރީމާވެސް ހިމެނޭ ވެމްކޯ ޓީމުގައި ހިމެނެނީ ތައިލޭންޑަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. އަދި ޤައުމީ ޓީމުގެ ލިބެރޯ ނުހާ އަދި މައިހާގެ އިތުރުން އުއްމީދީ ޒުވާން އެޓޭކަރ މާޔާވެސް ވެމްކޯ ޓީމުގައި ހިމެނެއެވެ.

ވީއޭއެމްކަޕް 2025 ގައި ވެމްކޯ އަދި ސިޓީ ފްރެންޑްސް ބައްދަލުކުރި މެވްގެ ތެރެއިން – ފޮޓޯ/ ވީއޭއެމް

ފުރަތަމަ ސެޓެކޭވެސް އެއް ފަދައިން ދެވަނަ ސެޓްގައި ވެސް ވެމްކޯއިން ކުޅުނީ ފަސޭހަކަމާއެކުއެވެ. އެގޮތުން އެ ސެޓްވެސް ބޮޑު ލީޑެއްގައި އޮވެގެން އިތުބާރާއެކު ކުޅެ ވެމްކޯއިން ގެނައީ 25 – 12 ގެ ނަތީޖާއަކުންނެވެ.

ތިން ވަނަ ސެޓްގެ ކުރި ކޮޅުގައި ސިޓީ ފްރެންޑްސް އަށް ނިސްބަތްވާ ތައިލޭންޑްގެ ދެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުމުގެ އިތުރަށް ވެމްކޯއަށް ހެދުނު ކުދި ކުދި ގޯސްތަކަކާއެކު ނަތީޖާ ކައިރި ކައިރީގައި ދިޔަ ނަމަވެސް ވެމްކޯއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 25 – 18 ގެ ނަތީޖާއަކުން އެ ސެޓް ގެނެއްސައެވެ.

ވީއޭއެމްކަޕް 2025 ގައި ވެމްކޯ އަދި ސިޓީ ފްރެންޑްސް ބައްދަލުކުރި މެވްގެ ތެރެއިން – ފޮޓޯ/ ވީއޭއެމް

މި މެޗުން މޮޅުވެ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ގޮއްސައިވަނީ ވެމްކޯއެވެ. އަދި އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލަށް ދިޔައީ ފެލްކްސޯއެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ވެމްކޯގެ ޖަރސީ ނަމްބަރ 11 ޖޫޒާންއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ހުރާ ކޮމިއުނިޓީ ކްލަބްގެ އިތުރުން ވީވައިއެންޖީއާއި ޖީޖީ ސްޕޯޓްސް އަދި ޕޮލިސް ކްލަބެވެ.

ގްރޫބް ބީގައި ހިމެނެނީ މިދިޔަ 3 އަހަރުގެވެސް ޗެމްޕިއަން ވެމްކޯގެ އިތުރުން އަސްދިގަ ސްޕޯޓްސްއާއި ފެލްކްސޯ ސްޕޯޓްސްގެ އިތުރުން ސިޓީ ފްރެންޑްސްއެވެ.

މި މުބާރާތުގެ އޮނިގަނޑު ރޭވިފައި އޮތް ގޮތުން މުބާރާތުގެ ފުރަތަމަ ސެމީގައި ކުޅޭނީ ދެ ގްރޫޕްގެވެސް ދެވަނަ ޓީމެވެ. އެއީ ގްރޫޕް އޭގެ ދެވަނަ ޓީމު، ހުރާ ކޮމިއުނިޓީ ކްލަބާއި ގްރޫޕް ބީގެ ދެވަނަ ޓީމު ފްލެކްސޯއެވެ. އެ މެޗް އޮންނާނީ މިއަދު ހަވީރު 16:30 ގައެވެ.

ދެވަނަ ސެމީގައި މިރޭ ބައްދަލު ކުރާނީ ދެ ގްރޫޕްގެ އެއްވަނަ ހޯދި ޓީމުތައްކަމަށްވާ ވެމްކޯއާއި ޕޮލިސް ކްލަބެވެ.

މުބާރާތުގެ ތިންވަނަ ސެމީގައި ކުޅޭނީ ފުރަތަމަ ސެމީ ފައިނަލުން މޮޅުވާ ޓީމަކާއި ދެވަނަ ސެމީ ފައިނަލުން ބަލިވާ ޓީމެކެވެ.

 

ގުޅުންހުރި ލިޔުންތައް