ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި މިހާރު ކުރިއަށްދާ، ވޮލީބޯޅަ އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް 2025) ގައި މުބާރާތުގައި އިއްޔެ ހަވީރު ގްރޫޕް އޭގެ އެންމެ ކުރީގައި އޮތް ދެ ޓީމުކަމުގައިވާ ޕޮލިސް ކްލަބް އަދި ހުރާ ކޮމިއުނިޓީ ކްލަބް ބައްދަލުކުރި މެޗުން ސީދާ ތިން ސެޓުން ޕޮލިސް ކްލަބް އަތުން ބަލިވެ ހުރާ ޓީމު އެ ގްރޫޕްގެ ދެވަނަ އަށް ގޮއްސިއެވެ.
މެޗްގެ ފުރަތަމަ ސެޓްގެ ކުރީ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި ސެޓްގެ ފުރަތަމަ 15 ޕޮއިންޓް ދިޔައީ ދެޓީމަށްވެސް ދާދި ހަމަހަމަކޮށް ޕޮއިންޓްތައް ލިބިގެންނެވެ. އެހެން ނަމަވެސް 16 ވަނަ ޕޮއިންޓާއި ހަމައަށް ޕޮލިހަށް ލިބުނު ދެ ޕޮއިންޓްގެ ލީޑަކާއެކު އެޓީމުން ކުޅުން ކުރިއަށް ގެންދިޔަ ނަމަވެސް އެ ހުރާ ޓީމުން ވަނީ ޕޮލިސް ކްލަބްގެ ބައެއް ހަމަލާތައް ޑިފެންސްކޮށް ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކޮށްފައެވެ. ސެޓްގެ ފަހު ކޮޅުގައި ރެފްރީގެ ބައެއް ނިންމުންތަކަށް ހުރާ ޓީމުގެ ކޯޗް އަދި ކުޅުންތެރިން ވަރަށް ބޮޑަށް މައްސަލަ ޖެއްސި ނަމަވެސް އެ ދަނޑިވަޅުގައި ލިބުނު ޕޮއިންޓްތަކާއެކު އެ ސެޓް ޕޮލިސް ކްލަބުން ގެންދިޔައީ، 25 – 22 އިންނެވެ.

ވީއޭއެމްކަޕްގައި ހުރާ އަދި ޕޮލިސް ބައްދަލުކުރި މެޗްގެ ތެރެއިން- ފޮޓޯ/ ވީއޭއެމް
ދެވަނަ ސެޓްގައި ހުރާ ޓީމުން ފެނިގެން ދިޔައީ ވަރަށް ބޮޑަށް މެޗްގެ ފޯކަސް ވަރަށް ބޮޑަށް ދަށްކޮށެވެ. އެންމެ އެދެވޭ ގޮތެއްގައި ރިވީސްތައް ނުދެވުމުގެ އިތުރުން ސެޓިންތައް ރަނގަޅަށް ނުހެދުމުގެ ނަތީޖާއެއްގެ ގޮތުން އެ ޓީމުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަޝިޔާއަށް ނިސްބަތްވާ ވެރޮނިކާގެ ކުޅުން އެޓޭކިންގް ގަ އެންމެ އެދެވޭ ގޮތެއްގައި ދެއްކޭ ގޮތް ވެފައެއް ނުވެއެވެ. އޭގެ ފައިދާ ނަގައި ޕޮލިސްކްލަބުން ސެޓްގައި ރަނގަޅު ހަމަލާތަކެއް ފޮނުވާލައި އެ ޓީމުގެ ކުޅުން އިތުބާރާއެކު ބޮޑު ލީޑެއްވެސް ނަގައި ކުޅެމުން ގޮއްސައެވެ. ސެޓްގެ ފަހު ކޮޅުގައި ހުރާޓީމުން މަޑުމަޑުން ގޭމު ތެރެއަށް ވަދެ ކުޅުން ރަނގަޅުކުރި ނަމަވެސް އެ ޕޮލިސް ކަލަބަށް ލިބިފައިވާ ލީޑުގެ އިތުބާރާއެކު ދެވަނަ ސެޓް ޕޮލިސް ކްލަބުން ކާމިޔާބު ކުރީ 25 – 17 އިންނެވެ.

ވީއޭއެމްކަޕްގައި ހުރާ އަދި ޕޮލިސް ބައްދަލުކުރި މެޗްގެ ތެރެއިން- ފޮޓޯ/ ވީއޭއެމް
ވަރަށް ޒުވާން ކުޅުންތެރިންނާއެކު އެކުލަވާލައިފައި އޮތް ހުރާ ކޮމިއުނިޓީ ކްލަބަށް ފުރަތަމަ ދެ ސެޓް ގެއްލުނު ނަމަވެސް އެ ޓީމުން ތިން ވަނަ ސެޓަށް ނިކުތީ ވަރަށް ހިތްވަރާއެކުއެވެ. އެގޮތުން ސެޓްގެ ކުރީ ކޮޅުގައި ދެ ޓީމުންވެސް ގިނަ އެޓޭކްތަކެއް ޑިފެންސްކޮށް ރަނގަޅު ހަމަލާތަކަކުން ޕޮއިންޓްތައް ވަނީ ހޯދައިފައެވެ. ދާދި ހަމަހަމަކޮށް ދިޔަ މި ސެޓްގައިވެސް މުޅި މެޗްގައިވެސް މޮޅުކުޅުމެއް ދައްކަމުން އައި ޕޮލިސް ކްލަބުގެ ބްރެޒިލްއަށް ނިސްބަތްވާ ގްރެޒިލޭ ގެ މޮޅެތި އެޓޭކްތައް ފާހަގަކޮށްލެވެއެވެ. ހަމަހަމަ ނަތީޖާއަކުން ގޮސް ސެޓްގެ މެދަކާއި ހަމައިން ދެ ޕޮއިންޓްގެ ލީޑެއް ނަގައި 18 – 16 ގެ ނަތީޖާއަކަށް ހުރާ ސެޓްގެ ސްކޯރ ގެންދިޔައެވެ. އެހެން ނަމަވެސް ސެޓްގެ 21 ވަނަ ޕޮއިންޓްގައި ހުރާ އޮއްވައި ޕޮލިހުގެ ކެޕްޓަން ހައްވަގެ ހަމަލާއަކުން ހޯދި ޕޮއިންޓަކާއި އެޓީމުގެ ގްރީސްއަށް ނިސްބަތްވާ ކުޅުންތެރިޔާ ސޯފިޔާގެ ސަރވިސް އޭސްއަކުން ނަތީޖާ އަނެއްކާވެސް ހަމަހަމަކުރިއެވެ. ޖެހިގެން އައި ޕޮއިންޓްގައި އެޓީމުގެ ގްރެޒިލޭގެ ބޮލޮކަކާއި ހައްވަގެ އެޓޭކަކުން 23 – 21 ޕޮލިސް ލީޑު ނަގައުފައި ވަނިކޮށް ހުރާޓީމުން ރަނގަޅު އެޓޭކްތަކެއް ކޮށް 24 – 23 އަށް ޕޮއިންޓް ގެންދިޔަ ނަމަވެސް ފަހުން ރިސީވްގައި އެ ޓީމަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ޕޮލިހުން އެ ސެޓް ގެނައީ 26 – 24 އިންނެވެ.
މި ނަތީޖާއާއެކު ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ގޮއްސައިވަނީ ޕޮލިސް ކްލަބެވެ. އަދި މި މެޗުން ބަލިވި ނަމަވެސް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ހުރާއިން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކަލްބަށް ކުޅޭ ބްރެޒިލްއަށް ނިސްބަތްވާ ގްރެޒިލޭ ރިބެއިރޯއެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ހުރާ ކޮމިއުނިޓީ ކްލަބްގެ އިތުރުން ވީވައިއެންޖީއާއި ޖީޖީ ސްޕޯޓްސް އަދި ޕޮލިސް ކްލަބެވެ.
ގްރޫބް ބީގައި ހިމެނެނީ މިދިޔަ 3 އަހަރުގެވެސް ޗެމްޕިއަން ވެމްކޯގެ އިތުރުން އަސްދިގަ ސްޕޯޓްސްއާއި ފެލްކްސޯ ސްޕޯޓްސްގެ އިތުރުން ސިޓީ ފްރެންޑްސްއެވެ.
މި މުބާރާތުގެ އޮނިގަނޑު ރޭވިފައި އޮތް ގޮތުން މުބާރާތުގެ ފުރަތަމަ ސެމީގައި ކުޅޭނީ ދެ ގްރޫޕްގެވެސް ދެވަނަ ޓީމެވެ. އެއީ ގްރޫޕް އޭގެ ދެވަނަ ޓީމު، ހުރާ ކޮމިއުނިޓީ ކްލަބާއި ގްރޫޕް ބީގެ ދެވަނަ ޓީމު ފްލެކްސޯއެވެ. އެ މެޗް އޮންނާނީ މިއަދު ހަވީރު 16:30 ގައެވެ.
ދެވަނަ ސެމީގައި މިރޭ ބައްދަލު ކުރާނީ ދެ ގްރޫޕްގެ އެއްވަނަ ހޯދި ޓީމުތައްކަމަށްވާ ވެމްކޯއާއި ޕޮލިސް ކްލަބެވެ.
މުބާރާތުގެ ތިންވަނަ ސެމީގައި ކުޅޭނީ ފުރަތަމަ ސެމީ ފައިނަލުން މޮޅުވާ ޓީމަކާއި ދެވަނަ ސެމީ ފައިނަލުން ބަލިވާ ޓީމެކެވެ.