ވީއޭއެމް ކަޕް 2025 – ވީވައިއެންޖީ އަތުން މޮޅުވެ ޖީޖީ ގައުމީ ލީގަށް!
ޔޫޝައު ހަސަން | 14 އޭޕްރިލް 2025

ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި މިހާރު ކުރިއަށްދާ، ވޮލީބޯޅަ އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް 2025) ގައި މުބާރާތުގައި ރޭ ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަން އާއި ޖީޖީ ސްޕޯޓްސް ބައްދަލުކުރި މެޗަކީ ހުރިހާ ގޮތަކުންވެސް ދެ ޓީމަށް ވަރަށް މުހިއްމު މެޗެކެވެ. މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް އިއްޔެގެ މެޗުން މޮޅުވުމަށް ދެޓީމުވެސް އޮތީ މަޖުބޫރުވެފައެވެ.

މި މެޗު ފަށައިގެން ފުރަތަމަ ސެޓްގައި ދެ ޓީމުންވެސް ހަމަ ހަމަ ކުޅުމެއް ދައްކަމުން އައި ނަމަވެސް ސެޓްގެ މެދުތެރެއިން ރަނގަޅު ހަމަލާތަކެއް ފޮނުވާލައި ޖީޖީން ތިން ޕޮއިންޓްގެ ލީޑެއް ނެގިއެވެ. އެހެން ނަމަވެސް އެ ދަނޑިވަޅުގައި ވީވައި އެންޖީން ކުޅުން ރަނގަޅުކޮށް ނަތީޖާ 15 – 13 އިން ލީޑެއް ނެގިއެވެ. ޖީޖީ ގެ ލީޑު އެ ޓީމަށް ގެއްލުމުގައި ކުޅުންތެރިންނަށް ހެދުނު ކުދިކުދި ގޯސްތައް ފާހަގަކުރެވުނެވެ. އެ ދަނޑިވަޅުގައި ކުޅުން ރަނގަޅުކޮށް ވީވައި އެންޖީން ވަނީ ލީޑު ފުޅާކޮށް 20 – 16 އަށް ސްކޯރ ގެންގޮއްސައެވެ. އެހެން ނަމަވެސް ޖީޖީން ކުޅުން ރަނގަޅުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާ މަޑުމަޑުން ނަތީޖާ ނެރެމުން އައިސް އެއް ޕޮއިންޓަށް ޕޮއިންޓުގެ ފަރަގު ކުޑަކުރި ނަމަވެސް ވީވައި އެންޖީއަށް ކުޅޭ އެ ޓީމުގެ ބިދޭސީ ކުޅުންތެރިން ގެ ރަނގަޅު ހަމަލާތަކެއް ޖީޖީ ސްޕޯޓްސްއަށް ދިފާއު ނުކުރެވި އެ ސެޓް ނިމިފައިވަނީ 26 – 24 އިން ވީ ވައިއެންޖީން ސެޓް ކާމިޔާބުކޮށްގެނެވެ. މި ސެޓްގައި ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ޑިފެންސްތަކެއް ވަނީ ފެނިގެން ގޮއްސައެވެ.

ވީވައިއެންޖީ އަދި ޖީޖީ ސްޕޯޓްސް ބައްދަލުކުރި މެވްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ދެވަނަ ސެޓް ފެށިގެން ވީވައި އެންޖީން ކުޅެމުން އައީ އިތުބާރާއެކުއެވެ. އެގޮތުން ޖީޖީ ސްޕޯޓްސްގެ ގިނަ ހަމަލާތަކެއް ދިފާއުކޮށް ވީވައިއެންޖީން ހެދި ގިނަ ޕްލޭސިންގް ބޯޅަތައް ޖީޖީގެ ކުޅުންތެރިންނަށް ނުނެގި ސެޓްގެ ކުރީ ކޮޅުގައި 5 ޕޮއިންޓްގެ ލީޑެއް ވީވައިއެންޖީން ނެގިއެވެ. އެހެން ނަމަވެސް މަޑުން ކުޅުމުގެ ތެރެއަށް ވަދެ ޖީޖީ ސްޕޯޓްސްގެ އިންޑިޔާއަށް ނިސްބަތްވާ ދެ ކުޅުންތެރިންގެ ރަނގަޅު ހަމަލާތަކެއް ވީވައި އެންޖީއާއި ދެކޮޅަށް ފޮނުވަން ފެށުމާއެކު ނަތީޖާގެ ފަރަގު މަޑުމަޑުން ކުޑަވަމުން އައެވެ.

ވީވައިއެންޖީ އަދި ޖީޖީ ސްޕޯޓްސް ބައްދަލުކުރި މެގެ ތެރެއިން – ފޮޓޯ/ވީއޭއެމް

އެގޮތުން އެ ވަގުތުގައި ލިބުނު އިތުބާރާއެކު ޖީޖީގެ ޑިފެންސް ލައިން ރަނގަޅުކޮށް ވީވައި އެންޖީގެ ތައިލެންޑް ކުޅުންތެރިންގެ ހަމަލާތައް ބްލޮކްކުރަން ފެށުމާއެކު ޖީޖީން ރަނގަޅު ލީޑެއް ނަގައި ހަމަޖެހިލިއެވެ. އެގޮތުން 20 – 15 އަށް ނަތީޖާގެ ފަރަގު ބޮޑުކުރުމަށްފަހު ހަމަޖެހިލައިގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން 25 – 19 އިން އެ ސެޓް ޖީޖީން ކާމިޔާބުކުރިއެވެ.

ވީވައިއެންޖީން ތިންވަނަ ސެޓްގައި ފެނިގެންދިޔައީ ދެވަނަ ސެޓްގެ މެދުތެރެއިން ހަމަ ނުޖެހެވި ޓީމުގެ ކުޅުން ހަމައަކަށް ނޭޅުމުގެ ސަބަބުން ލިބުނު ހާސްކަމުން އަރައިނުގަނެ ކުޅެމުން ދިޔަތަނެވެ.އެގޮތުން ގިނަ ރިސީވްތަކެއް ދިއުމުގެ އިތުރުން ޖީޖީން ފޮނުވި ގިނަ ހަމަލާތަކެއް ނުނެގި ޑިފެންސްގައިވެސް ގިނަ ގޯސްތަކެއް ވީވައިއެންޖީން ވަނީ ހަދައިފައެވެ. ފުރަތަމަ ދެ ސެޓާއި ޚިލާފަށް ޖީޖީ ސްޕޯޓްސް ފެނިގެން ގޮއްސައިވަނީ ގޯސްތައް މަދުކޮށް އިތުބާރާއެކު ކުޅެމުން އައިތަނެވެ. އެގޮތުން ވީވައިއެންޖީގެ ބިދޭސީ ކުޅުންތެރިންގެ ގިނަ ޙަމަލާތަކެއްވެސް އެޓީމުން ދިފާއުކޮށް ރަނގަޅު ޕޮއިންޓްކަކެއް ހޯދިކަން ފާހަގަކޮށްލެވެއެވެ.

ވީވައިއެންޖީ އަދި ޖީޖީ ސްޕޯޓްސް ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާ – ފޮޓޯ/ވީއޭއެމް

ގައުމީ އަންހެން ވޮލީޓީމުގެ ކޯޗް ސޮފްވާންގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޒުވާންޓީމު، ވީވައި އެންޖިން ތިންވަނަ ސެޓްގެ ކުޅުން ފަށައިގެން ކުރިއަށް ދިޔައީ އިތުބާރާއެކުއެވެ. އެގޮތުން 5 ޕޮއިންޓްގެ ލީޑެއްގައި 10 – 6 ގެ ނަތީޖާއަކުން އެ ޓީމު ކުޅެމުން އައި ނަމަވެސް 2 ސެޓް ލިބިފައި އޮތުމުގެ އިތުބާރާއެކު ޖީޖީން ކުޅުމުގެ ތެރެއަށް ވަދެ އެ ޓީމުގެ ޑިފެންސްތަކާއި އެޓޭކްތައް ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރީ 13 – 13 އިންނެވެ. ދެން ސެޓްގައި ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ކޮންމެ ޓީމަކަށްވެސް ފަހަރަކު ޕޮއިންޓެއް ކަހަލަ ގޮތަކަށް ލިބެމުންގޮސް 20 ވަނަ ޕޮއިންޓާއި ހަމައިން ވީވައިއެންޖީގެ ބިދޭސީ ކުޅުންތެރިންނަށް އެންމެ އެދެވޭ ގޮތެއްގައި ބޯޅަތައް ނުނިންމި ދިއުމުގެ ފައިދާ ނަގައި 25 – 20 އިން އެ ސެޓް ކާމިޔާބުކޮށް ޖީޖީން ވަނީ މެޗް ކާމިޔާބުކޮށްފައެވެ.

މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޖީޖީ ސްޕޯޓްސްގެ އިންޑިޔާއަށް ނިސްބަތްވާ ޝާލިނީ ޝަރަވަނާން އެވެ.

މި ނަތީޖާއާއެކު ޖީޖީ ސްޕޯޓްސްއިން ވަނީ ގައުމީ ލީގަށް ކޮލިފައިވެފައެވެ. އަދި ޒުވާން ވީވައިއެންޖީ ޓީމު ވަނީ މި އަހަރުގެ ސީޒަންގެ ކުރިއަށް ހުރި މުބާރާތްތަކުން ކަޓައިފައެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ހުރާ ކޮމިއުނިޓީ ކްލަބްގެ އިތުރުން ވީވައިއެންޖީއާއި ޖީޖީ ސްޕޯޓްސް އަދި ޕޮލިސް ކްލަބެވެ.

ގްރޫބް ބީގައި ހިމެނެނީ މިދިޔަ 3 އަހަރުގެވެސް ޗެމްޕިއަން ވެމްކޯގެ އިތުރުން އަސްދިގަ ސްޕޯޓްސްއާއި ފެލްކްސޯ ސްޕޯޓްސްގެ އިތުރުން ސިޓީ ފްރެންޑްސްއެވެ.

މި މުބާރާތުގައި މިއަދާއި މިރޭވެސް މެޗްތައް ކުރިއަށް ދާނެއެވެ. މިއަދު ހަވީރު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް އޭގެ ޕޮލިސް ކްލަބާއި ހުރާ ކޮމިއުނިޓީ ކްލަބެވެ. މިއީ ގްރޫޕްގެ ރޭންކިންގެ އެއް ވަނަ ހޯދުމަށް ދެ ޓީމަށްވެސް މޮޅުވުން މަޖުބޫރު މެޗެކެވެ.  މިރޭ ބައްދަލުކުރާނީ ގްރޫޕް ބީގެ އެންމެ ކުރީގައި އޮތް މިދިޔަ ތިން އަހަރުގެވެސް ޗެމްޕިއަން ވެމްކޯއާއި ސިޓީ ފްރެންޑްސްއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެވެ.

ގުޅުންހުރި ލިޔުންތައް