ވީއޭއެމް ކަޕް 2025 – އަސްދިގަ ކަރިން ފަސޭހަ މޮޅެއް ހޯދައި ސިޓީ ފްރެންޑްސް އިން ސެމީގެ އުއްމީދުގައި!
ޔޫޝައު ހަސަން | 13 އޭޕްރިލް 2025

ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި މިހާރު ކުރިއަށްދާ، ވޮލީބޯޅަ އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް 2025) ގައި މުބާރާތުގައި ރޭ ކުޅުނު މެޗްގައި ސިޓީ ފްރެންޑްސްއާއި އަސްދިގަ ބައްދަލުކުރި މެޗް ފަސޭހައިން ކާމިޔާބުކޮށް މުބާރާތުގެ ސެމީއަށް ދަތުރުކުރުމުގެ އުއްމީދަކާއެކު ސިޓީ ފްރެންސްއަށް ކުރިއަށް ދެވޭގޮތް ވެއްޖެއެވެ.

ތައިލެންޑަށް ނިސްބަތްވާ ދެ ބިދޭސީ ކުޅުންތެރިންނާއެކުޔ ކުޅެމުން އަންނަ ސިޓީ ފްރެންޑްސްއާއި ދެކޮޅަށް ކުޅުނު އަސްދިގަ ސްޕޯޓްސްގައި ބިދޭސީ ކުޅުންތެރިއެއް ނެތުމުގެ ގެއްލުން އަސްދިގަ ސްޕޯޓްސްއަށް ވަރަށް ބޮޑަށް ދެއްކިއެވެ.

އެގޮތުން ސިޓީ ފްރެންޑްސް ޓީމުން ފޮނުވި ބައެއް ހަމަލާތައް އަސްދިގަ ސްޕޯޓްސްގެ ކުޅުންތެރިން ޑިފެންސް ކުރި ނަމަވެސް އެ ޓީމަށް އެ ބޯޅަތައް އެންމެ އެދެވޭ ގޮތެއްގައި ނިންމޭގޮތް ވަނީ ނުވެފައެވެ.

ވީއޭއެމްކަޕްގައި އަސްދިގަ އަދި ސިޓީ ފްރެންޑްސް ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ފުރަތަމަ މެޗުން ބަލިވެފައި ވުމުން މުބާރާތުން ނުކަޓައި ކުރިއަށް ދިއުމަށް ސިޓީ ފްރެންޑްސްއަށް އޮތް ހަމައެކަނި ގޮތަކީ ރޭގެ މެޗުން މުޅުވުމެވެ. އެގޮތުން ރޭގެ މެޗްގެ ސެޓްތައް އެ ޓީމުން ގެންގޮއްސައިވަނީ، 25 – 07 ، 25 – 12 އަދި 25 – 11 ނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިޓީ ފްރެންޑްސްގެ ޖަރސީ ނަމްބަރު 8 އެވެ.

ވީއޭއެމްކަޕްގައި އަސްދިގަ އަދި ސިޓީ ފްރެންޑްސް ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ހުރާ ކޮމިއުނިޓީ ކްލަބްގެ އިތުރުން ވީވައިއެންޖީއާއި ޖީޖީ ސްޕޯޓްސް އަދި ޕޮލިސް ކްލަބެވެ.

ގްރޫބް ބީގައި ހިމެނެނީ މިދިޔަ 3 އަހަރުގެވެސް ޗެމްޕިއަން ވެމްކޯގެ އިތުރުން އަސްދިގަ ސްޕޯޓްސްއާއި ފެލްކްސޯ ސްޕޯޓްސްގެ އިތުރުން ސިޓީ ފްރެންޑްސްއެވެ.

މި މުބާރާތުގައި މިއަދާއި މިރޭވެސް މެޗްތައް ކުރިއަށް ދާނެއެވެ. މިއަދު ހަވީރު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް ބީގެ އަސްދިގަ އާއި ފެލްކްސޯ ސްޕޯޓްސްއެވެ. އަދި މިރޭ ބައްދަލުކުރާނީ ގްރޫޕް އޭގެ ވީވައިއެންޖީ އާއި ޖީޖީ ސްޕޯޓްސްއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެވެ.

ގުޅުންހުރި ލިޔުންތައް