ވީއޭއެމް ކަޕް 2025 – ޗެމްޕިއަން ވެމްކޯއާއި ދެކޮޅަށް ފްލެކްސޯއިން ވާދަވެރި ކުޅުމެއް، ވެމްކޯއަށް މުހިއްމު މޮޅެއް!
ޔޫޝައު ހަސަން | 12 އޭޕްރިލް 2025

ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި މިހާރު ކުރިއަށްދާ، ވޮލީބޯޅަ އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް 2025) ގައި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗްގައި މި މުބާރާތުގެ މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ވެމްކޯއާއި ދެކޮޅަށް މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ފްލެކްސޯ ސްޕޯޓްސްކްލަބުން ވާދަވެރި ކުޅުމެއް ދައްކައިފިއެވެ.

މެޗްގެ ފުރަތަމަ ސެޓްފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަ ހަމަކުޅުމެއް ދައްކަމުން އައިސް ސެޓްގެ މެދާއި ހަމައިން ވެމްކޯއިން ނެގި ތިން ޕޮއިންޓްގެ ލީޑް ދަމަހައްޓައި އެޓީމުން ވަނީ ފުރަތަމަ ސެޓް 25 – 20 ކާމިޔާބުކޮށްފައެވެ.

ވެމްކޯގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ސެޓަރ ޖޫޒާންގެ އިތުރުން އަންހެން އެންމެ މޮޅު އެއް ކުޅުންތެރިޔާ މަޖިދާއާއި ޤައުމީ ޓީމުގެ ނަރީމާގެ އިތުރުން ރިޔާޝާ މައިހާ އާއި މާޔާގެ އިތުރުން ނުހާ ހިމެނެއެވެ.

މެޗްގެ ދެވަނަ ސެޓް ފަށައިގެން ކުޅުން ކުރިއަށް ދިޔަ އިރު ވެމްކޯއަށް ވަނީ ގިނަ ގޯސްތަކެއް ހެދިފައެވެ، އެ ދަނޑިވަޅުތަކުގައި އޭގެ ފައިދާ ނަގައިގެން ފްލެކްސޯގެ ތައިލޭންޑަށް ނިސްބަތްވާ ބިދޭސީ ދެ ކުޅުންތެރިންވެސް ވަނީ ރަނގަޅު ބޯޅަތަކެއް ނިންމާފައެވެ. ހަމައެޔާއެކު އެ ޓީމުގެ ލިބެރޯ ހަތުމާވެސް ވަނީ ރަނގަޅު ޑިފެންސްތަކެއް ކޮށްފައެވެ.

ވީއޭއެމްކަޕްގައި ވެމްކޯ އަދި ފްލެކްސޯ ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

މި ކުޅުމާއެކު ފްލެކްސޯއިން ވަނީ 14 – 4 ގެ ބޮޑު ލީޑެއް ހޯދި ނަމަވެސް ވެމްކޯއިން ކުޅުން ރަނގަޅުކޮށް ނަތީޖާ ފަރަގު ކުޑަކުރަމުން 20 – 20 އަށް ވަނީ ހަމަހަމަކޮށްފައެވެ. މި ވަގުތު ތަކުގައި ވެމްކޯގެ ދެ ބިދޭސީ ކުޅުންތެރިންގެ އިތުރުން އެ ޓީމުގެ މާޖިދާގެ ފަރާތުން ހޯދައިދިން މުހިއްމު ޕޮއިންޓްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޓީމު ހަމައަކަށް އެޅުމަށްޓަކައި ޖޫޒާންގެ މޮޅު ނިންމުންތައްވެސް ފާހަގަކޮށްލެވެއެވެ. ނަތީޖާ ހަމަހަމަވި ނަމަވެސް ސެޓްގެ ފަހުކޮޅުގައި އަނެއްކާވެސް ވެމްކޯގެ ރިސީވްގައި ގޯސްތަކެއް ހެދުމުގެ ސަބަބުންނާ ފްލެކްސޯގެ ދެ ބިދޭސީ ކުޅުންތެރިންގެ މޮޅު ކުޅުމާއެކު 25 – 22 އިން މި ސެޓް ގެނައީ ފްލެކްސޯއިންނެވެ.

މެޗްގެ ތިންވަނަ ސެޓްގައިވެސް ވެމްކޯގެ ރިސީވްތައް ފެނިގެން ދިޔައީ އެންމެ އެދެވޭ ގޮތަކަށް ނޫނެވެ. މީގެ އިތުރުން ފެލެކްސޯގެ ބިދޭސީ ދެ ކުޅުނެތެރިންގެ އެޓޭކްތައް ބޮލޮކް ނުކުރެވުމުގެ ސަބަބުންނާއެކު ސެޓްގެ ކުރީ ކޮޅުގައި ފްލެކްސޯ ޓީމުން ނެގި 2 ޕޮއިންޓް ލީޑް އެ ޓީމުން އައީ ދަމަހައްޓަމުންނެވެ. އެހެން ނަމަވެސް ސެޓްގެ ފަހުކޮޅުގައި ވެމްކޯއިން ކުޅުން ރަނގަޅުކޮށް 25 – 22 އިން އެ ސެޓް ވަނީ ކާމިޔާބުކޮށްފައެވެ.

ވީއޭއެމްކަޕްގައި ވެމްކޯ އަދި ފްލެކްސޯ ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ހަތަރުވަނަ ސެޓްވެސް ދިޔައީ ކުރީ ސެޓެކޭ އެއްގޮތަށް ދާދި ހަމަހަމަކޮށެވެ. އެހެން ނަމަވެސް ސެޓްގެ ފަހުކޮޅުގައި ވެމްކޯގެ ކުޅުންއަނެއްކާވެސް ވަރުގަދަކޮށް އެ ޓީމުން މި ސެޓް ގެނައީ 26 – 24 ނެވެ.

ޖުމުލަކޮށް މި މެޗްގައި ފްލެކްސޯގެ ބިދޭސީ ދެކުޅުންތެރިންގެ އިތުރުން އެ ޓީމުގެ ލިބެރޯއަދި ސެޓަރ އިމްތިނާނުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ.

މި މެޗްގައި ވެމްކޯ ގެ ފަރާތުން ރިސީވް އަދި ބްލޮކް ކުރުމުގެ ބައެއް ގޯސްތައް ފެނިގެން ދިޔަ ނަމަވެސް އެ ޓީމުގެ ދެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިފައެވެ. އަދި އެ ޓީމުގެ ސެޓަރ ޖޫޒާންގެ މޮޅު ސެޓިން ތަކާއި ޑިފެންސްގައި ދެއްކި މޮޅުކުޅުމާއެކު ޓީމްގެ ކެޕްޓަން މާޖިދާގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިފައެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެމްކޯގެ ތައިލެންޑްއަށް ނިސްބަތްވާ ކުޅުންތެރިޔާ ޕަޓިޔާނާ ޖުއެންޖެންގ އެވެ.

ވީއޭއެމްކަޕްގައި ވެމްކޯ އަދި ފްލެކްސޯ ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާ ޕަޓިޔާ- ފޮޓޯ/ވީއޭއެމް

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ޕޮލިހާއި ވީވައި އެންޖީ ހިމެނޭ ގްރޫޕް އޭގައި ދެން އޮތީ ޖީޖީ ސްޕޯރޓްސްގެ އިތުރުން ހުރާ ކޮމިއުނިޓޯ ކްލަބެވެ.

ގްރޫބް ބީގައި ހިމެނެނީ މިދިޔަ 3 އަހަރުގެވެސް ޗެމްޕިއަން ވެމްކޯގެ އިތުރުން އަސްދިގަ ސްޕޯޓްސްއާއި ފެލްކްސޯ ސްޕޯޓްސްގެ އިތުރުން ސިޓީ ފްރެންޑްސްއެވެ.

މި މުބާރާތުގައި މިއަދާއި މިރޭވެސް މެޗްތައް ކުރިއަށް ދާނެއެވެ. މިއަދު ހަވީރު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް އޭގެ ހުރާ ކޮމިއުނިޓީ ކްލަބާއި ޖީޖީ ސްޕޯޓްސްއެވެ. އަދި މިރޭ ބައްދަލުކުރާނީ ގްރޫޕް ބީގެ އަސްދިގަ އާއި ސިޓީ ފްރެންޑްސްއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެވެ.

ގުޅުންހުރި ލިޔުންތައް