ކުރީގެ ރައީސުންނަށް ދޭ ޕެންޝަން ކުޑަކުރުމަށް ތާއީދު ކުރައްވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ އެކްސްއަށް ޅެން ބައިތެއް ހިމެނޭހެން ޕޯސްޓެއް ދޫކޮށްލައްވައިފައެވެ.
”ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން
ތިބޭ ނަމައީ ފިކުރުކޮށްގެން، މިބޭޒާރެއް ނުވެސް ވާނޭ“ ދަންނަވަމުން ރައީސް ވިދާޅުވީ، ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އެމަނިކުފާނަށްވެސް ފެނިފައިވަޑައިގަންނަވާ ކަމަށެވެ
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ގާނޫނުގައިވާ ގޮތުން ރައީސްކަން އެއް ދައުރު ކުރައްވައިފި ނަމަ ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. ދޭންޖެހެއެވެ. އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000ރ. ދޭންޖެހެއެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަަދަކަށް ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ.
އެގޮތުން އެ ފަރާތްތަކަށް ދޭ އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކްސްގައި ހާމަކުރައްވާފައެވެ.