އައްޑޫ ސިޓީގައި ރޭ އެކްސިޑެއްޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ އައްޑޫ ސިޓީ، ހިތަދޫ، ހީނާ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރޭ 21:17 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ އެކްސިޑެޓް ހިނގި އެއް ސައިކަލުގައި ތިބީ 18 އަހަރުން ދަށުގެ ދެކުދިންކަމަށާއި އޭގެ ތެރެއިން ސައިކަލު ދުއްވަން އިނީ 15 އަހަރުގެ ކުއްޖެއް ކަމަށެވެ. އެ ސައިކަލު ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓްގައި އެ ދެކުދިންގެ އިތުރުން އަނެއް ސައިކަލުގައި އިން އަންހެން މީހާއަށްވެސް އަނިޔާވެ ހޮޕިޓަލަށް ފަރުވާއަށް ގެންގޮއްސައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
18 އަހަރުން ދަށުގެ ކުދިން ލައިސެންސް ނެތި ސައިކަލު ދުއްވުމާއި އެކްސިޑެންޓްތައް ވުމުގެ މައްސަލަތައް މި ފަހަކަށް އައިސް އިތުރުވެފައި ވާއިރު، މި މަހުގެ ހަވަނަ ދުވަހު ފުވައްމުލަކު ސިޓީގައި 17 އަހަރުގެ ކުއްޖަކު ސައިކަލު ދުއްވާފައި ދަނިކޮށް ފާރެއްގައި ޖެހި މަރުވެފައިވެއެވެ. އަދި މިދިޔަ މަހުގެ 13ވަނަ ދުވަހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް 17 އަހަރުގެ ކުއްޖަކު ސައިކަލު ދުއްވަނިކޮށް އެކްސިޑެންޓުވެ، މަރުވެފައިވެއެވެ.