ރާއްޖެ ރިޒޯޓު ލީގު – އިތުބާރާއެކު ޑަބްލިޔު ބަލިކޮށް ކޮންރޯޑުން ފައިނަލަށް!
ޔޫޝައު ހަސަން | 08 އޯގަސްޓް 2025

ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ފަހު ޒޯން، އދ ބުރުގެ ލީގު ފަހު މެޗްގައި އިތުބާރާއެކު ކުޅެ ޑަބްލިޔު މޯލްޑިވްސް ބަލިކޮށް މުބާރާތުގެ ފައިނަލްގެ ސީދާ ޖާގައެއް ކޮންރޯޑުން ހޯދައިފިއެވެ.

މުބާރާތުގެ ފޯމެޓް އޮތް ގޮތުން ލީގު ބުރުގެ އެއްވަނަ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާ އިރު، ފައިނަލްގެ ދެވަނަ ޖާގަ ލިބޭ ޓީމެއް ކަނޑައަޅާނީ 2 ވަނަ އަދި 3 ވަނަ ޓީމުގެ މެދުގައި ސެމީއެއް ކުޅެގެންނެވެ.

ލީގު ފަހު މެޗްގައި ސީދާ ތިން ސެޓުން ޑަބްލިޔު މޯލްޑިވްސްގެ މައްޗަށް ކޮންރޯޑުން ކުރި ހޯދީ، 25 – 16، 25 – 17 އަދި 25 – 18 ގެ ނަތީޖާއަކުން މެޗްގެ ސެޓްތައް ކާމިޔާބުކޮށްގެނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮންރޯޑުގެ ޖަރސީ ނަމްބަރު 09 އަލީ ޒާހިލްއެވެ.

މި ނަތީޖާއާއެކު ކުޅުނު 4 މެޗުން ފުރިހަމަ 12 ޕޮއިންޓާއެކު މުބާރާތުގެ ފައިނަލަށް ކޮންރޯޑް ދަތުރު ކުރީ ލީގުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ވުމާއެކު 3 ވަނަ ތިން ވަނަ ބައްދަލު ކުރާ ސެމީގައި ދެވަނަ ޓީމުގެ ގޮތުގައި 4 މެޗުން 9 ޕޮއިންޓާއެކު ވިލަމެންދޫ ދަތުރުކުރި އިރު 3 ވަނަ ޓިމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ 4 މެޗުން 6 ޕޮއިންޓާއެކު ޑަބްލިޔު މޯލްޑިވްސްއެވެ.

ހަމައެކަނި ރިޒޯޓް މުވައްޒަފުންނަށް ބައިވެރިވެވޭގޮތަށް ކުޅޭ މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:

  • ދެކުނު މާލެ ލީގު
  • އުތުރު މާލެ ލީގު
  • ބ. ލީގު
  • އދ. ލީގު

މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.

ގުޅުންހުރި ލިޔުންތައް