ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވެްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގުގެ ހަތް ވަނަ މެޗްގައި ވިލަމެންދޫއިން ޑަބްލިޔު މޯލްޑިވްސް ބަލިކޮށްފިއެވެ. މިއީ މުބާރާތުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އައި ޑަބްލިޔު މޯލްޑިވްސްއަށް މުބާރާތުގެ ލިބުނު ފުރަތަމަ ބައްޔެވެ.
މި މެޗްގެ ފުރަތަމަ ސެޓް ފަރަގު ބޮޑު ނަތީޖާއަކުން 25-10 އިން ގެނައީ ވިލަމެންދޫއެވެ. އަދި ދެވަނަ ސެޓްވެސް ހަމަ އެ އިތުބާރާއެކު 25-15 އިން އެ ޓީމުން ނެގިއިރު ޖެހިގެން އައި ތިން ވަނަ ސެޓް ޑަބްލިޔު މޯލްޑިވްސް ނަގައި މެޗްއިން މޮޅުވުމުގެ އުއްމީދެއް އުފެއްދި ނަމަވެސް ފަހު ސެޓް 25-21 އިން ކާމިޔާބުކޮށް މި މެޗް ވިލަމެންދޫއިން ވަނީ ނަގައިފައެވެ.
ހަމައެކަނި ރިޒޯޓް މުވައްޒަފުންނަށް ބައިވެރިވެވޭގޮތަށް ކުޅޭ މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:
- ދެކުނު މާލެ ލީގު
- އުތުރު މާލެ ލީގު
- ބ. ލީގު
- އދ. ލީގު
މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.