ރާއްޖެ ރިޒޯޓު ލީގު – އދ ޒޯނުގެ ފުރަތަމަ މެޗް ޑަބްލިޔު މޯލްޑިވްސް ނަގައިފި
ޔޫޝައު ހަސަން | 04 އޯގަސްޓް 2025

ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވެްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ރޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގުގެ ހަތަރު ވަނަ ޒޯންގެ ކުޅުން އދ ދަނގެތީގައި ފަށައިފިއެވެ.

ހަމައެކަނި މުބާރާތުގައި ބައިވެރިވާ ރިޒޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކުޅެވޭގޮތަށް ފަރުމާކުރެވިގެން ރޭވިފައިވާ މު މުބާރާތުގެ އދ ޒޯންގެ މެޗުތައް އިއްޔެ ހަވީރު ފަށައިފައި ވާއިރު މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރީ، ޑަބްލިޔު މޯލްޑިވްސް އަދި ލަކްސް މޯލްޑިވްސް އެވެ. ޑަބްލިޔު މޯލްޑިވްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗް ސީދާ ތިން ސެޓުން އެ ޓީމުން ކާމިޔާބު ކުރި އިރު މި މެޗްގެ ސެޓްތައް އެ ޓީމުން ކާމިޔާބު ކުރީ، 25 – 20، 25 – 17، 25 – 10 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ޑަބްލިޔު މޯލްޑިވްސްގެ ޖަރސީ ނަމްބަރު 17 މުހައްމަދު ރަޝީދެވެ.

މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:

  • ދެކުނު މާލެ ލީގު
  • އުތުރު މާލެ ލީގު
  • ބ. ލީގު
  • އދ. ލީގު

މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.

 

 

ގުޅުންހުރި ލިޔުންތައް