ފިލާ ބަރުކޮށްގެން މާލެއިން ވޭމަންޑޫއަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ފަރަށް އަރައިފިއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ އެ ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު މިއަދު ފަތިހު 05:45 ހާއިރު ލިބުމާއެކު ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ދޯނިން ދަތުރުކުރި ތިން މީހަކު ހާލުގައި ޖެހިފައި ފަރުމަތީ ތިއްބައި ސަލާމަތްކޮށްފައި ވާކަމަށެވެ.
އެގޮތުން އެ ދޯނިން ދަތުރުކުރީ ދިވެއްސަކާއި ބަންގްލަދޭޝަށް ނިސްބަތްވާ ދެމީހުންކަމަށާއި ތިން މީހުންގެ ހާލުވެ ރަނގަޅުކަމުގައި ފުލުހުން ބުނެފައިވެއެވެ.
އެގޮތުން ފަރަށް އެރި ދޯނި ދިޔަވެ އަޑިޔަށް ގޮއްސައިވާކަމަށާއި ދޯނި އަޑިއަށް ދިޔައިރު އެ ދޯނީގައި ގިނަ އަދަދެއްގެ ފިލައާއި އެފަދަ ބާވަތުގެ ތަކެތި ހުންނާނެ ކަމަށް، ދޯނީގެ ފަޅުވެރިންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
އިއްޔެ ވެސް ވަނީ, މިފަދަ ހާދިސާއެއް ހިނގައިފައެވެ. އެގޮތުން ކުނި ބަރުކޮށްގެން ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުން ކ. ތިލަފުށްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައި, ހާލުގައި ޖެހުނު ތިން މީހުން އެމްއެންޑީއެފްއިން އިއްޔެ ވަނީ ސަލާމަތް ކޮށްފައެވެ