ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުން ކ. ތިލަފުށްޓަށް ކުނި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން ތިލަފުށްޓަށް ދަތުރުކުރަމުން ދަނިކޮށް ”ގުރުވަ 1“ ނަމަކަށް ކިޔާ ދޯންޏެއް ނ. ކުޑަރަށް ކިޔާ ފަޅުރަށެއް ކައިރިން ފަރަށް އެރިކަމުގެ މައުލޫމާތު ރޭ 11:24 ހާއިރު ލިބިފައިވާކަމަށެވެ.
އެގޮތުން އެ ދޯނި ފަރަށް އެރި އިރު އޭގައި ދެ ބިދޭސީންނާއި ދިވެއްސެއް ހުރި ކަމަށާއި އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ އުތުރު ސަރަހައްދުގެ ކޮމާންޑުގެ ކޯސްޓްގާޑުގެ ހާބާކްރާފްޓުން އެ ސަރަހައްދަށް ގޮސް އޭގައި ތިބި މީހުން ސަލާމަތް ކޮށްފައިވާކަމަށެވެ.
އަދި އޭގައި ތިބި ފަޅުވެރިން މިއަދު 8:45 ހާއިރު ނ. ހޮޅުދުއަށް ގެންގޮސްފައިވާކަމަށްވެސް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ކަމުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.