މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް ބޮޑެތި އަނިޔާތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު މައްސަލައިގައި އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމުން އޭނާ މަރުވެފައިވަނީ ބޮލަށް އަނޮޔާވެގެން ކަމުގައި ވަގުތީ ރިޕޯޓުން ދައްކައިފިއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނެފައި ވަނީ، މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށެވެ.
އަބްދުއްރަހްމާން ގޭގައި ނިދަން އޮއްވައި ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް، މިމަހުގެ 13 ވަނަ ދުވަހު އޭނާ ނިޔާވިއެވެ. އޭނާ ނިޔާވުމާ ގުޅިގެން، އަބްދުއްރަހުމާނުގެ ހަށިގަނޑު މާލެ ގެނެވުނުއިރު، އޮޓޮޕްސީ ހެދުމަށްޓަކައި މިމަހުގެ 21 ވަނަ ދުވަހު ވަނީ އިންޑިއާގެ ތިރުވަނަންތަޕޫރަމަށް ގެންގޮސްފައެވެ.
މި މައްސަލަ ހިނގައިދިޔަ ފަހުން ފުލުހުންގެ ހާއްސަ ޓީމެއް ވަނީ އއ. މާޅޮހުގައި ހަރަކާތްތެރިވެފައެވެ. އެގޮތުން، ރަށަށް އަރާ ފައިބާ މީހުން މޮނީޓާ ކުރުމުގެ މަސައްކަތްވެސް ފުލުހުން ކުރިއަށް ގެންގޮސްފައިވެއެވެ.