އެޗްޑީސީގެ އެމްޑީ އަދި ޑީއެމްޑީ މަގާމުން އިސްތިއުފާ ދީފި
ޔޫޝައު ހަސަން | 31 ޖުލައި 2025

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުން މައުރޫފް ޖަމީލް އަދި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 22ވަނަ ދުވަހު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި މައުރޫފް ރިޓަޔަރ ކުރައްވަން އުޅުއްވާ ކަމުގެ ވާހަކަތައް ދެކެވިފައި ވަނިކޮށް ރިޓަޔަރ ކުރެއްވުމުގެ ކުރިން އިއްޔެ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މައުރޫފް އިސްތިއުފާ ދެއްވި ވަކި ސަބަބެއް ސާފެއް ނުވެއެވެ.

އޭގެ ފަހުން މިއަދު  އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީ ފަޔާޒު ވެސް ވަނީ ވަކި ސަބަބެއް ހާމަނުކޮށް އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

މައުރޫފް އެޗްޑީސީގެ އެމްޑީއަކަށް އައްޔަން ކުރީ ވަޒީރެއްގެ ފެންވަރުގައި އެ މަގާމަށް ފުރަތަމަ އައްޔަން ކުރެއްވި  އިބްރާހީމް ފަޒުލް ރަޝީދުގެ މައްޗަށް ކުރެވުނު ވަރަށް ސީރިއަސް ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ މައްސަލަ ބަލަން ފެށުމުން ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މައުރޫފް އިއްޔެ އިސްތިއުފާދެއްވުމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެ މަގާމަށް އިއްޔެ ވަނީ ބަދަލުކޮށްފައެވެ. އަދި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމް ވަނީ އައްޔަންކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް