ކާވާ ޗެމްޕިއަންސް ލީގު – އިތުބާރާއެެކު ކުޅެ ޒައިކްއިން ސިފައިންވެސް ބަލިކޮށްފި
ޔޫޝައު ހަސަން | 19 ޖުލައި 2025

މި މަހުގެ 17 އިން 23 ގެ ނިޔަލަށް މާލޭގައި ކުރިއަށް ދާ ކާވާ މެންސް ޗެމްޕިއަންސް ލީގުގެ 5 ވަނަ މެޗްގައި ނުހަނު އިތުބާރާއެކު ކުޅެ ކަޒަކިސްތާނުގެ ޗެމްޕިއަން ޒައިކް ސްޕޯޓްސް ކްލަބްއިން ރާއްޖޭގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްފިއެވެ. މުބާރާތުގައި ދެޓީމުގެވެސް ދެވަނަ މެޗަށް ނިކުތް އިރު ސިފައިން ވަނީ ފުރަތަމަ މެޗްގައި ހެލްޕް ނޭޕާލާއި ވާދަކޮށް މެޗް 5 ސެޓަށް ގެންގޮއްސައެވެ. މެޗުން ބަލިވި ނަމަވެސް ސިފައިން ވަނީ ޖުމުލަކޮށް ވަރަށް ރަނގަޅު ކުޅުމެއް އެ މެޗްގައި ދައްކައިފައެވެ.

ރޭގެ މެޗްގައި ސިފައިންނާއި އިދިކޮޅަށް ޒައިކް ޓީމުން ފެނިގެން ދިޔައީ ވަރަށް މޮޅު ތަފާތު ކުޅުމެއް ފެނިގެން ދިޔަ ތަނެވެ. އެއްދުވަސް ކުރިން 5 ސެޓްގެ މެޗެެއް ކުޅެފައި ވުމުން އިއްޔެގެ މެޗްގެ އެކި ހިސާބުތަކުގައި ސިފައިންގެ ޓީމުގެ ފަރާތުން ވަނީ ވަރުބަލިކަން ފެނިގެން ގޮއްސައެވެ.

މި މެޗްގެ ސެޓްތައް ޒައިކް އިން ގެނެސްފައި ވަނީ 25 – 17 ، 25 – 22 އަދި 25 – 15 އިންނެވެ. ޖުމުލަކޮށް މޮޅި މެޗްގައިވެސް ލީޑުކޮށްގެން ކުޅެ ޒައިކްއިން ވަނީ ސިފައިންނަށް ކުރި ހޯދުމުގެ ފުރުސަތުތައް ހަނިކޮށްގެން މި މެޗް ކުޅެފައެވެ.

ޒައިކް އަދި ސިފައިން ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ކާވާ

މި މެޗުން މޮޅުވުމާއެކު ޒައިކްއަށް ވަނީ ކުޅުނު ދެ މެޗުން 6 ޕޮއިންޓް ލިބިފައެވެ. ސިފައިންނަށް ލިބުނީ ކުޅުނު ދެމެޗުން ޖުމުލަ އެއްމެ ޕޮއިންޓެކެވެ.

މި މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބްއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އޭވީސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިގެންދާނެއެވެ. އަދި އެ މުބާރާތުގެ އެއްވަނަ ޓީމަށް ވޮލީގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕުން ޖާގައެއް ކަށަވަރުވެގެންދާނެއެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ އެފްއައިވީބީގެ ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމަށް ދިވެހި ޓީމުތަކަށް ހުޅުވިގެންދާ ފަހި ފުރުސަތަކަށް ކަމުގައި ވީއޭއެމްގެ ރައީސް އަދި ކާވާގެ ރައީސް ލަތީފް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް