ރާއްޖެ ރިސޯޓް ވޮލީ ލީގު – ދެވަނަ މެޗްގައި ރީތިރަށުން ޝެރެޓަންވެސް ބަލިކުރީ ޔަގީންކަމާއެކު!
ޔޫޝައު ހަސަން | 17 ޖުލައި 2025

ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވެްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ރޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގުގެ މާލެއިން އުތުރު ޒޯނުބުރުގައި ރީތި ރަށް ރިޒޯޓު ކުޅުނު  ދެވަނަ މެޗްގައި ޝެރެޓަން މޯލްޑިވްސްގެ މައްޗަށް ޔަގީންކަމާއެކު ކުޅެ ފަސޭހަ މޮޅެއް ހޯދައިފިއެވެ.

އިއްޔެ ހަވީރު ކުރިއަށް ދިޔަ މިމެޗްގެ ސެޓްތައް ރީތިރަށުން ގެނައީ 25-13، 25-06 އަދި 25-18 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރީތި ރަށުގެ ޔައިޝް މުހައްމަދު ޝިހާމްއެވެ.

މި މުބާރާތުގެ މެޗެއް މިއަދު ހަވީރުވެސް ކުރިއަށް ދާނެއެވެ. މި މެޗްގައި ބައްދަލުކުރާނީ މީރު މޯލްޑިވްސް އަދި ޝެރެޓަން މޯލްޑިވްސްއެވެ.

މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:

  • ދެކުނު މާލެ ލީގު
  • އުތުރު މާލެ ލީގު
  • ބ. ލީގު
  • އއ. ލީގު

މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ. މިއަހަރުގެ ލީގުގައި 4 ޒޯނުން ޖުމުލަ 17 ޓީމެއް ވާދަކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް