ރާއްޖެ ރިސޯޓް ވޮލީ ލީގު – އުތުރު މާލެ ޒޯން ނައިބުރައީސް ފަށްޓަވައިދެއްވައިފި
ޔޫޝައު ހަސަން | 15 ޖުލައި 2025

ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވެްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ރޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގުގެ މާލެއިން އުތުރު ޒޯނުގެ ކުޅުން ރައީސުލް ޖުމްހޫރިއްޔާގެ ނާއިބް އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް ފަށްޓަވައި ދެއްވައިފިއެވެ.

ހަމައެކަނި މުބާރާތުގައި ބައިވެރިވާ ރިޒޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކުޅެވޭގޮތަށް ފަރުމާކުރެވިގެން ރާއްޖޭގައި ކުރިއަށް ގެންދާ ހަމައެކަނި ވޮލީމުބާރާތުގެ ދެވަނަ ޒޯންގެ ކުޅުން ފެށިފައިވަނީ އިއްޔެ ހަވީރުއެވެ.

މު މުބާރާތުގެ މާލެއިން އުތުރު ޒޯންގެ މުބާރާތް ފެށުމުގެ ރަސްމިޔާތުގެ ޝަރަފްވެރިކޮށްދެއްވައި ނައިބް ރައީސް ވަނީ ”ރާއްޖެ ރިޒޯޓް ވޮލީބޯޅަ ޗެމްޕިއަންޝިޕް 2025“ ގެ ތަށިވެސް އިފްތިތާޙްކޮށްދެއްވައިފައެވެ. މި ރަސްމިޔާތުގައި ނާއިބް ރައީސްގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް އަލްފާޟިލް މުޙައްމަދު ތޯލާލް، ޑެޕިއުޓީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން އަލްފާޟިލާ ފާޠިމަތު ފަޒްލާ ރަޝީދު، ޑެޕިއުޓީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން އަލްފާޟިލް ޢަލީ ނިޒާރު،
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަލްފާޟިލް ޢަލީ ލަޠީފްގެ އިތުރުން
ގައުމީ އަންހެން ވޮލީޓީމުގެ ކެޕްޓަން ޙައްވާ ރާޝިދާ އަދި މީރު މޯލްޑިވްސްގެ އެސިސްޓަންޓް އެޗް.އާރު މެނޭޖަރ އަލްފާޟިލް މިރަސޯލް ކަޕެލާން އާއި ވަން އެންޑް އޯންލީ ރީތިރަށް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް ޖަން ޓިބާލްޑީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އުތުރު ޒޯންގެ ފުރަތަމަ މެޗްގައި އިއްޔެ ހަވީރު ބައްދަލުކުރީ މީރު މޯލްޑިވްސް އަދި ވަން އެންޑް އޮންލީ ރީތި ރަށެވެ.

މި މެޗް ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން ވަން އެންޑް އޮންލީ ރީތި ރަށުން ކާމިޔާބުކުރި އިރު މެޗްގެ ސެޓްތައް އެ ތީމުން ގެނެސްފައި ވަނީ 25 -11، 25-17 އަދި 25 -16 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރީތި ރަށުގެ ކަވިޝްކާ މަދުސަންކާއެވެ.

ރިޒޯޓް ވޮލީ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިޔާ / ފޮޓޯ-ޑިޖިޓަލް ސްޓޫޑިއޯ

މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:

  • ދެކުނު މާލެ ލީގު
  • އުތުރު މާލެ ލީގު
  • ބ. ލީގު
  • އއ. ލީގު

މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ. މިއަހަރުގެ ލީގުގައި 4 ޒޯނުން ޖުމުލަ 17 ޓީމެއް ވާދަކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް