މިދިޔަ އޭޕްރީލް މަގުގެ 18 ވަނަ ދުވަހު މާލޭ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޔުމްނު ރަސީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ނިމި އެ ކޮމިޝަން އުވާލައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން އުވާލީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެކަމަށްޓަކައި ނެރުއްވި ގަރާރަކުންނެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، އެ ކޮމިޝަން އުފެއްދެވީ، މިދިޔަ އޭޕްރީލް 27 ގައެވެ.
އެންމެ ފުރަތަމަ ތިން މެމްބަރުން ހިމެނޭހެން އުފެއްދެވި އެ ކޮމިޝަނުގައި ހިމެނޭ އެއް މެމްބަރަކު ވަނީ އެ މައްސަލައިގައި ހިމެނޭ ރައުދުއާއި އާއިލީގުޅުމެއް އޮތުމުގެ ސަބަބުން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވައިފައެވެ. އަދި އަންހެނެއްގެ ހައްގަކާއި ގުޅުން ހުރި މައްސަލައެއްގައި އުފައްދަ ތަހުގީގު ކޮމިޝަނެއްގައި އަންހެން މެމްބަރަކު ނެތުމުގެ ފާޑު ކިޔުންތައް އަމާޒުވާން ފެށުމާއެކު އިތުރު ދެ އަންހެން މެމްބަރުން ހިމެނޭހެން ޖުމުލަ 5 މެމްބަރުން ހިމެނޭގޮތަށް ރައީސް ވަނީ އެ ކޮމިޝަން އަލުން އެކުލަވާލައިފައެވެ.
ކޮމިޝަންގެ ތަހުގީގު ރިޕޯޓު އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 17 ގައެވެ.
ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށާއި، ސިއްހީ ވުޒާރާއަށް، ރައީސް ޑރ. މުއިއްޒު ވަނީ އަންގަވައިފައެވެ.
އެ މައްސަލައިގައި އަށް މީހަކު ޕާސްޕޯޓު ހިފެހެއްޓި ނަމަވެސް، ހައްޔަރުކޮށް ދައުވާކޮށްފައިވަނީ ޔުމްނުއާއެކު އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށް އެކަންޏެވެ.
ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަފުތާއެއްހާ ދުވަސް ފަހުން އޭޕްރިލް 24ގައެވެ. އެއަށްފަހު އޭނާގެ ބަންދު އިތުރުކުރަމުން ދަނިކޮށް، މިދިޔަ މަހުގެ 26ގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިރުޝާދުގެ ދަށުން އޭނާ ވަނީ ދޫކޮށްލައިފައެވެ.
ޕީޖީ އޮފީހުން ބުނީ އޭނާ ދޫކޮށްލީ އޭނާއަށް ކުރާ ދައުވާގެ އަދަބަށްވުރެ ބަންދު އިތުރުވުމުން ކަމަށެވެ.