ރޭ މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އޮންނަ ކަފިހި ހުރަހުން ހުރަސް ކުރި މީހެއްގެ ގައިގައި ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް ޖެހި އެ ސައިލަކު ގޮސް ހެންވޭރުން މާފަންނާއި ވީކޮޅަށް އައި ޕިކަޕެއްގައި ޖެހި ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިނީ 17 އަހަރުގެ ކުޑަކުއްޖެކެވެ. ސައިކަލުގެ ފަހަތުގައި އިނީ 16 އަހަރުގެ ކުއްޖެކެވެ. މަގު ހުރަސްކުރީ 40 އަހަރުގެ ފިރިހެނެކެވެ.
މި އެކްސިޑެންޓްގައި މި ތިން މީހުންނަށްވެސް ސީރިއަށް އަނިޔާތަކެއްވެ އޭގެ ތެރެއިން 17 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައެވެ. އެ ކުއްޖާއަކީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދެވެ.
އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު 40 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ. އަދި އޭނާގެ ސިކުނޑިއަށް ލޭއެޅި ހާލަތު ކްރިޓިކަލް ކަމުގައި އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ. 16 އަހަރުގެ ކުއްޖާއަށް ފަރުވާދެނީ ވޯޑަށް ބަދަލުކޮށްގެންނެވެ.
މިފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވެއެވެ.