ގައުމީ ވޮލީބޯޅަ މުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި މުބަރާތަށް މުހިއްމު ބަދަލުތަކަކާއެކު ނިކުތް ދިވެހި ސިފައިންގެ ކްލަބަށް ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ކައިރިން ފަސޭހަ މޮޅެއް ލިބިއްޖެއެވެ.
ގައުމީ ލީގުން ގައުމީ މުބާރާތަށް ދިވެހި ސިފައިންގެ ކްލަބް ނިކުތް އިރު އެޓީމުން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ގިނަ މުބާރާތްތަކެއް އެ ޓީމަށް ކުޅެ ކާމިޔާބުކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ޕާކިސްތާނަށް ނިސްބަތްވާ ކުޅުންތެރިޔާ ހަމަދު ނެތުމެވެ. އެގޮތުން ގައުމީ ލީގުގެ ފަހު މެޗްގެ އެންމެ ފަހު 4 ވަރަކަށް ޕޮއިންޓްތެރޭގައި ހަމަދްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން މި މުބާރާތަށް ސިފައިން ނިކުތީ ހަމަދުގެ ބަދަލުގައި ސީޒަންގެ ފުރަތަމަ ދެ މުބާރާތުގައި ޕޮލިސް ކްލަބަށް ކުޅުނު އިންޑިޔާ ކުޅުންތެރިޔާ ޗިރާގް ހިމަނައިގެންނެވެ. މީގެ އިތުރުން އެ ޓީމުގެ ލިބެރޯއެއްގެ ގޮތުގައި ޕޮލިސްކްލަބްގެ ނައީމްވެސް ޓީމުގެ ސްކޮޑްގައި ހިމަނައިގެންނެވެ.
ބަދަލުތަކާއެކު ނިކުތް ސިފައިންގެ ޓީމު ރޭގެ މެޗްގައި ފެނިގެން ގޮއްސައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން އެ މެޗް ސީދާ ތިން ސެޓުން ސިފައިން ކާމިޔާބުކުރި އިރު ދަނޑިމަގު ޓީމުގެ ފަރާތުން އެޓީމުގެ އެންމެ ރަނގަޅު ކުޅުން ދެއްކިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މެޗްގެ ސެޓްތައް ސިފައިން ގެނެއްސައިވަނީ، 25-19، 25-15، 25-16 އިންނެވެ.
މި ނަތީޖާއާއެކު ސިފައިން ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.
މި މެޗުން ބަލިވިކަމުގައި ވިޔަސް ދަނޑިމަގަށް އަދި ފައިނަލަށް ދިއުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ފުރަތަމަ ސެމީއިން މޮޅުވި އެޗްޑީސީ އާއި ތިން ވަނަ ސެމީގައި ވާދަކޮށްގެނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ޓީމުގެ ޗިރާގުއެވެ.
ގައުމީ ވޮލީބޯޅަ މުބަރާތަކީ ގައުމީ ލީގުގެ ގަދަ ހަތަރު ޓީމު ވާދަކުރާ މުބާރާތެކެވެ. މި އަހަރުގެ ލީގުން ގައުމީ މުބާރާތަށް ކޮލިފައިވީ ސިފައިންގެ އިތުރުން ދަނޑިމަގާއި އެޗްޑީސީ އަދި ހުރާއެވެ. މި ހަތަރު ޓީމުން އަންނަ އަހަރުގެ ސީޒަން ކޮލިފިކޭޝަން ކުޅުމަކާ ނުލައި ސީޒަންގެ ފުރަތަމަ މުބާރާތަށް ކޮލިފައިވާނެއެވެ.
ގައުމީ މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭގައެވެ.