ގައުމީ ވޮލީބޯޅަ ލީގު – އެއް މެޗް ބާކީ އޮއްވައި ލީގު ޗެމްޕިއަންކަން ސިފައިންނަށް!
ޔޫޝައު ހަސަން | 10 ޖުލައި 2025

ގައުމީ ވޮލިބޯޅަ ލީގުގައި މުބާރާތުގެ އެއް މެޗް ބާކީ އޮއްވައި ލީގު ޗެމްޕިއަންކަން ސިފައިންނަށް ކަށަވަރު ވެއްޖެއެވެ.

އިއްޔެ ހަވީރު ލީގު ބުރުގައި ހުރާ އަދި ދަނޑިމަގު ބައްދަލު ކުރި މެޗަށް ދެ ޓީމު ނިކުތް އިރު ލީގު ތާވަލްގައި ކުޅުނު ތިން މެޗުން 6 ޕޮއިންޓާއެކު ދެ ވަނައިގައި އޮތޯ ހުރާއެވެ. އަދި ލީގު ތާވަލްގައި ކުޅުނު ތިން މެޗުން 5 ޕޮއިންޓާއެކު އޮތީ ދަނޑިމަގެވެ. އެއްވަނައިގައި ތިން މެޗުން 9 ޕޮއިންޓާއެކު އޮތީ ސިފައިންނެވެ. ވުމާއެކު އެ މެޗްގެ ނަތީޖާ ނިކުންނަ ގޮތަކުން ރޭ ސިފައިންނާއި އެޗްޑީސީ ބައްދަލުކުރާ މެޗްގެ ނަތީޖާއަކީ ސިފައިންނަށް ލީގު ކަށަވަރު ކުރުމަށް މުހިއްމު ނަތީޖާއަަކަށް ވާނެއެވެ.

އެހެން ނަމަވެސް އިއްޔެ ހަވީރު މެޗްގައި ދަނޑިމަގު ޓީމު އަތުން 3 ސެޓް 1 ސެޓުން ބަލިވުމާއެކު ސިފައިންނަށް ވަނީ ލީގުގެ އެއްވަނަ ކަށަވަރުވެފައެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ސެޓްތައް ދަނޑިމަގުން ކާމިޔާބުކުރީ، 25 – 17، 25 –20، 32–30 އަދި 26-24 އިންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަނޑިމަގު ޓީމުގެ އަލީ ހުޒާމުއެވެ.

މި ނަތީޖާއާއެކު ދަނޑިމަގު ޓީމުން ވަނީ މުބާރާތުގެ ރަނަރަޕް ކަށަވަރުކޮށްފައެވެ. ސިފައިންނާއި އެޗްޑީސީ ބައްދަލު ކުރާމެޗުން އެޗްޑީސީ މޮޅުވިކަމުގައިވިޔަސް ސިފައިންނަށް ލީގު ކަށަވަރުވާނެއެވެ.

ރޭ ސިފައިންނާއި އެޗްޑީސީ ބައްދަލުކުރި މެޗަކީ ލީގު ރޭންކިންގއަށް ސިފައިންނަށް މާ މުހިއްމު މެޗެއް ނޫންކަމުން ޖުމުލަކޮށް މުޅި މެޗް ސިފައިން ކުޅެފައިވަނީ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ރެސްޓް ދީގެންނެވެ. މި މެޗް 3 – 0 އިން އެޗްޑީސި ކާމިޔާބުކޮށްފައިވާއިރު، މެޗްގެ ސެޓްތައް އެޗްޑީސީން ގެނައީ، 25-22، 25 – 22 އަދި 28 – 25 އިންނެވެ.

މި މެޗުން ސެޓެއް ނުގެއްލި އެޗްޑީސީ މޮޅު ވުމާއެކު މުބާރާތުގެ ލޯ މެޑަލް ހޯދުމަށް ހުރާއަށް އޮތް ފުރުސަތު ވަނީ ގެއްލިފައެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީގެ ގިރާލްޑޯއެވެ.

ރޭގެ މެޗަށްފަހު މުބާރާތުގެ ޑްރީމް ޓީމުގެ ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްފައިވާއިރު، މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުންނަށް ހޮވިފައިވަނީ ދަނޑިމަގުގެ ހުޒާމް އަދި ސިފައިންގެ އާދަމް ނަސީމެވެ. އެންމެ މޮޅު މިޑްލް ބްލޮކަރުންނަކީ، އެޗްޑީސީގެ އަހުސަން އަދި ސިފައިންގެ ފައިރޫޒެވެ. އެންމެ މޮޅު ސެޓަރަކަށް ސިފައިންގެ ޝާހިދު ހޮވުންއިރު އެންމެ މޮޅު އޮޕޮސިޓަކީ އެޗްޑީސީގެ ޝަމާއީލްއެވެ. އަދި އެންމެ މޮޅު ލިބެރޯއަކީ ދަނޑިމަގުގެ ނަބީލްއެވެ. އެންމެ މޮޅު ކޯޗަކަށް ސިފައިންގެ ކޯޗް ޖުނައިދު ހޮވުން އިރު އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ސިފައިންގެ ލުއިޒްއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ރަޒާންއެވެ.

ގައުމީ ލީގުގެ ޑްރީމް ޓީމް- ފޮޓޯ/ވީއޭއެމް

ގައުމީ ވޮލީ ލީގަށްފަހު މި މަހުގެ 11 އިން 14 އަށް ގައުމީ ވޮލީބޯޅަ މުބާރާތް ކުރިއަށް ދާއިރު އެ މުބާރާތަށް ކޮލިފައިވެފައިވަނީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ، ސިފައިން، ދަނޑިމަގު، އެޗްޑީސީ އަދި ހުރާއެވެ.

ގައުމީ މުބާރާތުގެ މެޗްތައް ފެށޭނީ މާދަމާއެވެ.

 

ގުޅުންހުރި ލިޔުންތައް