ގައުމީ ވޮލީބޯޅަ ލީގު – ޕޮލިސް ބަލިކޮށް ސިފައިން ތާވަލްގެ ކުރީގައި!
ޔޫޝައު ހަސަން | 07 ޖުލައި 2025

ގައުމީ ވޮލިބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކްލަބް ކުޅުނު ދެވަނަ މެޗްގައި ޕޮލިސް ކްލަބް ބަލިކޮށް ލީގު ތާވަލްގެ އެންމެ ކުރިއަށް ޖެހިލައިފިއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗް ސީދާ ތިން ސެޓުން ސިފައިން ކާމިޔާބުކޮށްފައިވަނީ ހުރިހާ ޑިޕަރޓްމަންޓް ތަކެއްގައިވެސް މުޅި ޓީމު ނުހަނު މޮޅަށް ކުޅެގެންކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މި މެޗްގެ ސެޓްތައް ސިފައިން ކާމިޔާބުކޮށްފައިވަނީ، ފަސޭހަ ކަމާއެކު 25 – 18، 25-22 އަދި 25 – 14 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ކްލަބުގެ ލުއިޒްއެވެ.

މި ނަތީޖާއާއެކު ކުޅުނު 2 މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ލީގުގެ އެންމެ ކުރީގައި އޮތީ ސިފައިންނެވެ.

5 ޓީމު ކޮލިފައިވެގެން ކުރިއަށް ގެންދާ ގައުމީ ވޮލީބޯޅަ ލީގުގައި ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމުތައް ގިންތި ކުރެވޭއިރު މިއަދާއި މިރޭ ވެސް ލީގުގެ މެޗްތައް ކުރިއަށް ދާނެއެވެ.

މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގަށްފަހު މި މަހުގެ 11 އިން 14 އަށް ގައުމީ ވޮލީބޯޅަ މުބާރާތް ކުރިއަށް ދާއިރު އެ މުބާރާތަށް ކޮލިފައިވާނީ ގައުމީ ވޮލީލީގުގެ ގަދަ 4 ޓީމެވެ.

ގުޅުންހުރި ލިޔުންތައް