ވީއޭއެމް ކަޕް – ސިޓީ ކަޓުވާލައި ޕޮލިސް ލީގަށް ކޮލިފައިވެއްޖެ!
ޔޫޝައު ހަސަން | 01 ޖުލައި 2025

މިހާރު ކުރިއަށްދާ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމް ކަޕް 2025 ގެ ޕްލޭ އޮފް މެޗްގައި ސްޕޯޓްސް ކްލަބް ސިޓޯ ކަޓުވާލުމަށްފަހު ގައުމީ ލީގަށް ޕޮލިސް ކްލަބް ކޮލިފައިވެއްޖެއެވެ.

މުބާރާތުގެ ޕްލޭ އޮފް ބުރުގައި ކުޅުނީ ގްރޫޕް ސްޓޭޖްގެ ދެ ގްރޫޕުންވެސް ކޮންމެ ގްރޫޕަކުން 3 ވަނަ އަށް ދިޔަ ޓީމެވެ. އެއީ ގްރޫޕް އޭގެ ތިންވަނަ ޓީމު، ސިޓީ އަދި ގްރޫޕް ބީގެ ދެވަނަ ޓީމު ޕޮލިސް ކްލަބެވެ.

މި މެޗްގެ ސެޓްތައް ޕޮލިސް ކްލަބުން ގެނައީ، 25 – 21، 25 – 22 އަދި 25 – 16 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބުގެ ޗިރާގު (ޖނ: 9)އެވެ.

ވީއޭއެމް ކަޕްގައި ޕޮލިސް އަދި ސިޓީ ބައްދަލު ކުރި މެޗްގެ މޮޅު ކުޅުންތެރިޔާ – ފޮޓޯ/ވީއޭއެމް

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ކްލަބް އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކްލަބްގެ އިތުރުން ސްޕޯޓްސް ކްލަބް ސިޓީ އަދި ބްލޫސް ފޮރ ވޮލީބޯލް ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ސަދާން ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ތާވަލު ރޭވިފައި އޮތް ގޮތުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް މިއަދާއި މިރޭ ކުރިއަށް ދާއިރު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމު އެޗްޑީސީ އަދި ގްރޫޕް ބީގެ ދެވަނަ ޓީމު ދަނޑިމަގެވެ. މި މެޗް އޮންނާނީ މިއަދު ހަވީރު 16:15 ގައެވެ. ދެވަނަ ސެމީގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމު ހުރާ ކޮމިއުނިޓީ ކްލަބް އަދި ގްރޫޕް ބީގެ އެއްވަނަ ޓީމު ދިވެހި ސިފައިންގެ ކްލަބެވެ. މި މެޗް އޮންނާނީ މިރޭ 20:30 ގައެވެ. ވީއޭއެމް ކަޕުން ގައުމީ ވޮލީބޯޅަ ލީގަށް މި އަހަރު 5 ޓީމެއް ކޮލިފައިވާއިރު ދެ ގްރޫޕްގެވެސް އެއްވަނަ ދެވަނަ ޓީމު ގައުމީ ލީގަށް ވަނީ ކޮލިފައިވެފައެވެ.

ގުޅުންހުރި ލިޔުންތައް