ވީއޭއެމް ކަޕް – ވަރުގަދަ ކުރިމަތިލުމަކަށްފަހު ގްރޭޕް އޭގެ އެއްވަނަ އެޗްޑީސީއަށް!
ޔޫޝައު ހަސަން | 30 ޖޫން 2025

މިހާރު ކުރިއަށްދާ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމް ކަޕް 2025 ގެ ގްރޫޕް ސެޓޭޖްގެ އެންމެ ފަހު މެޗްގައި ގްރޫޕް އޭގެ ހުރާ ކޮމިއުނިޓީ ކްލަބް އަދި އެޗްޑީސީ ބައްދަލު ކުރި މެޗް ވާދަވެރި ކުޅުމަކަށްފަހު 3 – 1 ސެޓުން މެޗް ކާމިޔާބުކޮށް އެ ގްރޫޕްގެ އެއް ވަނަ އެޗްޑީސީން ހޯދައިފިއެވެ.

ރޭގެ މެޗަށް ނިކުތް އިރުވެސް ދެ ޓީމުވެސް އޮތީ ފުރަތަމަ ދެ މެޗުން މޮޅުވެ 3 ޕޮއިންޓާއެކު ރޭންކިންގް ހަމަހަމަ ހިސާބެއްގައެވެ. އެހެން ކަމުން ގްރޫޕްގެ އެއްވަނަ ހޯދުމަށްޓަކައި ދެ ޓީމަށްވެސް އޮތީ ކޮންމެ ނަތީޖާއަކުންވެސް މޮޅުވުމެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ސެޓް 25 – 22 އިން ހުރާ އިން ގެނެސްފައި ވަނިކޮށް ޖެހިގެން އައި ތިން ސެޓް 25 – 23 އަދި 25، 28 – 26 އަދި 25 – 22 އިން ކާމިޔާބުކޮށް މި މެޗުން މޮޅުވެފައިވަނީ ކްލަބް އެޗްޑީސީއެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީ ގެ ޝަމާއީލް ހުސައިން (ޖނ:19)އެވެ.

ވީއޭއެމް ކަޕްގައި އެޗްޑީސީ އަދި ހުރާ ބައްދަލު ކުރި މޮޅު ކުޅުންތެރިޔާ: ފޮޓޯ/ވީއޭއެމް

މި މެޗްގެ ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޅުނު ތިން މެޗުން 9 ޕޮއިންޓާއެކު ސެމީއަށް ދަތުރުކުރީ ކްލަބް އެޗްޑީސީއެވެ. ހުރާ ސެމީއަށް ދަތުރުކުރީ ތިން މެޗުން 6 ޕޮއިންޓާއެކުއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ކްލަބް އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކްލަބްގެ އިތުރުން ސްޕޯޓްސް ކްލަބް ސިޓީ އަދި ބްލޫސް ފޮރ ވޮލީބޯލް ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ސަދާން ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ތާވަލު ރޭވިފައި އޮތް ގޮތުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް މާދަމާ ކުރިއަށް ދާއިރު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމު އެޗްޑީސީ އަދި ގްރޫޕް ބީގެ ދެވަނަ ޓީމު ދަނޑިމަގެވެ. މި މެޗް އޮންނާނީ މާދަމާ ހަވީރު 16:15 ގައެވެ. ދެވަނަ ސެމީގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމު ހުރާ ކޮމިއުނިޓީ ކްލަބް އަދި ގްރޫޕް ބީގެ އެއްވަނަ ޓީމު ދިވެހި ސިފައިންގެ ކްލަބެވެ. މި މެޗް އޮންނާނީ މާދަމާ ރޭ 20:30 ގައެވެ. ވީއޭއެމް ކަޕުން ގައުމީ ވޮލީބޯޅަ ލީގަށް މި އަހަރު 5 ޓީމެއް ކޮލިފައިވާއިރު ދެ ގްރޫޕްގެވެސް އެއްވަނަ ދެވަނަ ޓީމު ގައުމީ ލީގަށް ވަނީ ކޮލިފައިވެފައެވެ. ލީގުގެ ފަހު ފުރުސަތު ލިބޭނީ ދެ ގްރޫޕްގެވެސް 3 ވަނަ އަށް ދިޔަ ދެ ޓީމުގެ ދެމެދުގައި ކުޅެވޭ ޕްލޭ އޮފް މެޗު ކާމިޔާބު ކުރާ ޓީމަކަށެވެ. އެއީ ގްރޫޕް އޭގެ ތިންވަނަ ޓީމު ސިޓީ އަދި ގްރޫޕް ބީގެ ތިން ވަނަ ޓީމު ޕޮލިސް ކްލަބެވެ. މި މެޗް އޮންނާނީ މިރޭ 20:30 ގައެވެ.

 

ގުޅުންހުރި ލިޔުންތައް