ވީއޭއެމް ކަޕް – ޕޮލިސް އަތުން ބަލިވި ނަމަވެސް އެއްވަނަ ޓީމުގެ ގޮތުގައި ސިފައިން ސެމީއަށް
ޔޫޝައު ހަސަން | 30 ޖޫން 2025

މިހާރު ކުރިއަށްދާ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމް ކަޕް 2025 ގެ ގްރޫޕް ސެޓޭޖްގެ ފަހު މެޗްތައް އިއްޔެ ކުރިއަށް ދިޔަ އިރު ގްރޫޕް ބީގައި ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް ބައްދަލުކުރި މެޗް ވާދަވެރި ކުޅުމަކަށްފަހު ޕޮލިސް ކްލަބް ކާމިޔާބުކޮށްފިއެވެ.

އިއްޔެގެ މެޗަށް ނިކުތް އިރުވެސް ފުރަތަމަ ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ސިފައިންގެ ކްލަބް ސެމީގެ ޖާގައެއް ކަށަވަރުކޮށްފައި އޮތް އިރު އިއްޔެގެ މެޗަކީ އެ ގްރޫޕްގެ އެއްވަނަ ޓީމުގެ މަގާމު ޔަގީން ކުުރުމަށް ސިފައިންގެ ޓީމަށް މުހިއްމު މެޗެކެވެ.

މި މެޗްގެ ފުރަތަމަ ސެޓް 25 – 19 އިން ޕޮލިސް ކްލަބު ގެނައި ނަމަވެސް ޖެހިގެން އަދި ދެ ސެޓް 25 – 19 އަދި 25 – 21 އިން ކާމިޔާބު ކުރީ ދިވެހި ސިފައިންގެ ކްލަބެވެ. އެހެން ނަމަވެސް ޕޮލިހުން އެ ޓީމުގެ ކުޅުން ވަރުގަދަކޮށް ޖެހިގެން އައި ހަތަރުވަނަ ސެޓް 25 – 17 އިން އަދި މެޗްގެ ނަތީޖާ ނެރުމަށް ކުޅުނު 5 ވަނަ ސެޓް 15 – 08 އިން ކާމިޔާބުކޮށް މި މެޗުން މޮޅުވެފައެވެ. މި ނަތީޖާއާއެކު މި މެޗުން ސިފައިން ބަލިވި ނަމަވެސް ލިބުނު އެއް ޕޮއިންޓާއެކު ޖުމުލަ 7 ޕޮއިންޓުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީއަށް ވަނީ ދަތުރުކޮށްފައެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ޓީމުގެ ޗިރާގު (ޖނ9)  އެވެ.

ވީއޭއެމްކަޕްގައި ޕޮލިސް އަދި އެމްއެންޑީއެފް ބައްދަލު ކުރި މެވްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

މި މެޗުން މޮޅުވި ނަމަވެސް މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ދަނޑިމަގު އަތުން ޕޮއިންޓެއް ނުލިބި ބަލިވުމުގެ ސަބަބުން ޕޮލިސް ޓީމަށް ސެމީގެ ޖާގައެއް ވަނީ ލިބޭގޮތް ނުވެފައެވެ. ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ދެ މެޗުން މޮޅުވެ 6 ޕޮއިންޓާއެކު ދަނޑިމަގު ޓީމެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ކްލަބް އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކްލަބްގެ އިތުރުން ސްޕޯޓްސް ކްލަބް ސިޓީ އަދި ބްލޫސް ފޮރ ވޮލީބޯލް ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ސަދާން ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ތާވަލު ރޭވިފައި އޮތް ގޮތުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް މާދަމާ ކުރިއަށް ދާއިރު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމު އެޗްޑީސީ އަދި ގްރޫޕް ބީގެ ދެވަނަ ޓީމު ދަނޑިމަގެވެ. މި މެޗް އޮންނާނީ މާދަމާ ހަވީރު 16:15 ގައެވެ. ދެވަނަ ސެމީގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމު ހުރާ ކޮމިއުނިޓީ ކްލަބް އަދި ގްރޫޕް ބީގެ އެއްވަނަ ޓީމު ދިވެހި ސިފައިންގެ ކްލަބެވެ. މި މެޗް އޮންނާނީ މާދަމާ ރޭ 20:30 ގައެވެ. ވީއޭއެމް ކަޕުން ގައުމީ ވޮލީބޯޅަ ލީގަށް މި އަހަރު 5 ޓީމެއް ކޮލިފައިވާއިރު ދެ ގްރޫޕްގެވެސް އެއްވަނަ ދެވަނަ ޓީމު ގައުމީ ލީގަށް ވަނީ ކޮލިފައިވެފައެވެ. ލީގުގެ ފަހު ފުރުސަތު ލިބޭނީ ދެ ގްރޫޕްގެވެސް 3 ވަނަ އަށް ދިޔަ ދެ ޓީމުގެ ދެމެދުގައި ކުޅެވޭ ޕްލޭ އޮފް މެޗު ކާމިޔާބު ކުރާ ޓީމަކަށެވެ. އެއީ ގްރޫޕް އޭގެ ތިންވަނަ ޓީމު ސިޓީ އަދި ގްރޫޕް ބީގެ ތިން ވަނަ ޓީމު ޕޮލިސް ކްލަބެވެ. މި މެޗް އޮންނާނީ މިރޭ 20:30 ގައެވެ

ގުޅުންހުރި ލިޔުންތައް