ވީއޭއެމް ކަޕް – ޔަގީން ކަމާއެކު ކުޅެ ދެވަނަ މެޗްގައި ހުރާއިން ބްލޫސް ފޮރ ވޮލީބޯލްވެސް ބަލިކޮށްފި
ޔޫޝައު ހަސަން | 29 ޖޫން 2025

މިހާރު ކުރިއަށްދާ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމް ކަޕް 2025 ގެ ގްރޫޕް ސެޓޭޖްގައި އިއްޔެގެ ފަހު މެޗްގައި ސީދާ ތިން ސެޓުން ބްލޫސް ފޮރ ވޮލީބޯލްގެ މައްޗަށް ހުރާ އިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗެކޭވެސް އެއްގޮތަށް ހުރާ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗްގައި ރަނގަޅު ލީޑެއްގައި އޮވެ ކުޅެގެން ހުރާ ތީމުން ވަނީ އެޓީމުގެ ހުރިހާ ކުުޅުންތެރިންނަށްވެސް ފުރުސަތު ދީގެން ކުޅެފައެވެ.

މި މެޗް ހުރާޓީމުން ކާމިޔާބުކޮށްފައި ވަނީ، 25 – 16، 25 – 18 ، އަދި 25 – 19 ގެ ނަތީޖާއަކުންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުރާ ޓީމުގެ މައިކަލް (ޖނ: 13) އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ކްލަބް އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކްލަބްގެ އިތުރުން ސްޕޯޓްސް ކްލަބް ސިޓީ އަދި ބްލޫސް ފޮރ ވޮލީބޯލް ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ސަދާން ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ތާވަލު ރޭވިފައި އޮތް ގޮތުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.

މިއަދާއި މިރޭވެސް މި މުބާރާތުގެ މެޗްތައް ކުރިއަށް ދާއިރު، މިއަދު 15:00 ގައި އޮންނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ޕޮލިސް އަދި ސިފައިންގެ ކްލަބެވެ. ހަވީރު 17:00 ގައި އޮންނަ މެޗްގައި ބައްދަލު ކުރާނީ ގްރޫޕް ބީގެ ދަނޑިމަގު އަދި ސަދާން ސްޕޯޓްސް އެވެ. އަދި މިރޭ 20:30 ގެ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ގްރޫޕް އޭގެ ހުރާ ކޮމިއުނިޓީ ކްލަބް އަދި އެޗްޑީސީއެވެ.

ގުޅުންހުރި ލިޔުންތައް