ވީއޭއެމް ކަޕް – އުނދަގޫކަމެއް ނެތި އެޗްޑީސީން ސިޓީ ބަލިކޮށްފި
ޔޫޝައު ހަސަން | 29 ޖޫން 2025

މިހާރު ކުރިއަށްދާ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމް ކަޕް 2025 ގެ ގްރޫޕް ސެޓޭޖްގައި އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި މާ ބޮޑު އުނދަގުލަކާއި ނުލައި އެޗްޑީސީން ސްޕޯޓްސް ކްލަބް ސިޓީ ބަލިކޮށްފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ސިޓީ ކުޅުނު ފަހު މެޗްގައި އެ ތީމު ސީދާ ތިން ސެޓުން އެޗްޑީސީން އަތުން ބަލިވެފައި ވާއިރު، ކުޅުނު ތިން މެޗްގެ ތެރެއިން ސިޓީ ވަނީ ބްލޫސް ފޮރ ވޮލީބޯލް އަތުން މޮޅުވެފައެވެ. އެހެން ނަމަވެސް ފުރަތަަަމަ މެޗްގައި ހުރާ ކޮމިއުނިޓީ ކްލަބް އަތުންވެސް ސިޓީ ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ.

އިއްޔެ 15:00 ގެ މެޗް އެޗްޑީސީން ކާމިޔާބުކޮށްފައި ވަނީ، 25 – 17، 25 – 22 އަދި 25 – 18 ގެ ނަތީޖާއަކުންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީ ގެ އިސްމާއީލް ސާޖިދު (ޖނ:9) އެވެ.

ވީއޭއެމް ކަޕް ގައި އެޗްޑީސީ އަދި ސިޓީ ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ކްލަބް އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކްލަބްގެ އިތުރުން ސްޕޯޓްސް ކްލަބް ސިޓީ އަދި ބްލޫސް ފޮރ ވޮލީބޯލް ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ސަދާން ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ތާވަލު ރޭވިފައި އޮތް ގޮތުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.

މިއަދާއި މިރޭވެސް މި މުބާރާތުގެ މެޗްތައް ކުރިއަށް ދާއިރު، މިއަދު 15:00 ގައި އޮންނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ޕޮލިސް އަދި ސިފައިންގެ ކްލަބެވެ. ހަވީރު 17:00 ގައި އޮންނަ މެޗްގައި ބައްދަލު ކުރާނީ ގްރޫޕް ބީގެ ދަނޑިމަގު އަދި ސަދާން ސްޕޯޓްސް އެވެ. އަދި މިރޭ 20:30 ގެ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ގްރޫޕް އޭގެ ހުރާ ކޮމިއުނިޓީ ކްލަބް އަދި އެޗްޑީސީއެވެ.

ގުޅުންހުރި ލިޔުންތައް