ވީއޭއެމް ކަޕް – ފޯރިގަދަ ކުޅުމަކަށް ފަހު ސިޓީއިން ބްލޫސް ފޮރ ވޮލީބޯލް ބަލިކޮށްފި
ޔޫޝައު ހަސަން | 28 ޖޫން 2025

މިހާރު ކުރިއަށްދާ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމް ކަޕް 2025 ގެ ގްރޫޕް ސެޓޭޖްގައި ސްޕޯޓްސް ކްލަބް ސިީޓީން ކުޅުނު ދެވަނަ މެޗްގައި ބްލޫސް ފޮރ ވޮލީބޯލްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗްތަކުގައި މި ދެ ޓީމުންވެސް ބަލިވެފައި ވާއިރު، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރުމަށާއި އަދި ލީގަށް ކޮލިފައިވުމަށް އިއްޔެ ހަވީރު މި ދެތީމު ބައްދަލުކުރި މެޗަކީ ދެޓީމަށްވެސް މޮޅެއް ހޯދުން މުހިއްމު މެޗެެކެވެ.

އިއްޔެ 17:00 ގައި ފެށި މި މެޗްގައި ފޯރި ގަދަ ކުޅުމަކަށްފަހު މި މެޗް ސީދާ ތިން ސެޓުން ސިޓީ އިން ކާމިޔާބުކޮށްފައި ވާއިރު، މެޗް އެޓީމުން ކާމިޔާބުކޮށްފައި ވަނީ، 32 – 30، 25 – 23 އަދި 25 – 18 ގެ ނަތީޖާއަކުންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިޓީ ޓީމުގެ އާރިޔަން ބަލްޔަން (ޖނ:1) އެވެ.

ވީއޭއެމް ކަޕްގައި ސިޓީ އަިދ ބްލޫސް ފޮރ ވޮލީބޯލް ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާ: ފޮޓޯ/ވީއޭއެމް

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ކްލަބް އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކްލަބްގެ އިތުރުން ސްޕޯޓްސް ކްލަބް ސިޓީ އަދި ބްލޫސް ފޮރ ވޮލީބޯލް ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ސަދާން ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ތާވަލު ރޭވިފައި އޮތް ގޮތުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.

މިއަދާއި މިރޭވެސް މި މުބާރާތުގެ މެޗްތައް ކުރިއަށް ދާއިރު، މިއަދު 15:00 ގައި އޮންނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެޗްޑީސީ އަދި ސިޓީއެވެ. ހަވީރު 17:00 ގައި އޮންނަ މެޗްގައި ބައްދަލު ކުރާނީ ގްރޫޕް ބީގެ ޕޮލިސް އަދި ސަދާން ސްޕޯޓްސް އެވެ. އަދި މިރޭ 20:30 ގެ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ގްރޫޕް އޭގެ ހުރާ ކޮމިއުނިޓީ ކްލަބް އަދި ބްލޫސް ފޮރ ވޮލީބޯލްއެވެ.

ގުޅުންހުރި ލިޔުންތައް