މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ދިއުމަށްފަހު އެނބުރި ރާއްޖެއަންނަ ހައްޖުވެރިން އަންނަތަނަށް އެއަރޕޯޓަށް ކުޑަކުދިން ނުގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ކޮންމެ އަހަރެއްގެވެސް ޙައްޖުމޫސުމުގައި ހައްޖުވެރިން އެނބުރި އަންނަ ދުވަސްވަރަކީ ރޯގާތައް އިތުރު ދުވަސް ވަރަކަށް ވާތީ، މި އަހަރުވެސް އާންމު ރޯގާތައް އިތުރުވެދާނެކަން ހާމަކޮށް ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވެފައިވަނީ މިހާރުވެސް ރާއްޖޭގައި އާންމު ރޯގާތައް އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން މި އަހަރަކީ އެކި ބާވަތްތަކުގެ ރޯގާތައް އިތުރު އަހަރެއްކަމުގައި ފާހަގަކުރައްވައި ހަމްޒަތު ވިދާޅުވީ، އޭގެތެރޭގައި އިންފުލުއެންޒާ، އާރުއެސްވީ، ކޮވިޑް ވަދަ ވައިރަލްތައް ހިމެނޭކަމަށެވެ.
މި އަހަރު ރާއްޖެއިން 1000 މީހުން ހައްޖުގެ އަޅުކަމަށް ގޮސްފައިވާއިރު، އެ ފަރާތްތައް އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހެވެ.