ޔުމްނު ވެއްޓުމުން އެހީ ނުވިކަމުގެ ދައުވާ ރައުދުއަށް އުފުލައިފި
ޔޫޝައު ހަސަން | 10 ޖޫން 2025

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ  ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޔުމްނު ވެއްޓުނު މައްސަލައިގައި އެރޭ އޭނާއާއެކު އުޅުނު އުމުރުން 22 އަހަރުގެ ރައުދު އަހުމަދު ޒިލާލަށް ޔުމްނު ވެއްޓުނުކަން އެނގި ހުރެ އެހީތެރިނުވިކަމުގެ ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ރައުދުގެ މައްޗަށް އުފުލައިފައިވަނީ ރައުދުގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ އުފުލަނީ 18 އެޕްރީލް 2025 ދުވަހު 04:54 އެހައިކަށްހާއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން (ކުޑަދޮރަކުން) ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށް ވެސް އެ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ރައުދު ހައްޔަރުކުރި ނަމަވެސް  އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، އެ އޮފީހުގެ އެދުމުގެ މަތިން ރައުދު ވަނީ ދޫކޮށްލައިފައެވެ.

އެ ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ ޔުމްނުއަށް ފަރުވާ ދިނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ. އޭގެ ފަހުން ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވާފައިވާއިރު، މެލޭޝިއާއަށް ފޮނުވުމަށް ސަރުކާރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް