ސަރުކާރުގެ ހަފްލާއަކަށް އިންޑޯ ނެގުމުން ފިރިހެން ވޮލީ ސީޒަން ފަސްކޮށްފި
ޔޫޝައު ހަސަން | 07 ޖޫން 2025

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާ ސަރުކާރުގެ ހަފްލާއެއް ބޭއްވުމަށް އިންޑޯ ވޮލީ ކޯޓް ނަގައިފައިވުމުން މި މަހުގެ 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ގައުމީ ފިރިހެން ވޮލީ ބޯޅަ ސީޒަން ފެށުން ފަސްކޮށްފިއެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަނުން ނެރުނު ސަރކިއުލަރ އެއްގައި ބުނެފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީގެ ހަރަކާތެއް ކުރިއަސް ގެންދިއުމަށްޓައި އިންޑޯ ހޯލު އެ ނެގުމަށް ހަމަޖެހިފައިވާތީ މި އަހަރުގެ ވޮލީބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތްކަމުގައިވާ އެސޯސިއޭޝަން ކަޕް 2025 ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 24 ވަނަ ދުވަހު ކަމަށާއި އަދި ސީޒަންގެ ފަހު މުބާރާތްކަމުގައިވާ ގައުމީ ވޮލީ ބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

މިކަމާއި ގުޅިގެން ބައެއް ކްލަބްތަކުން ނިއުސް ލިންކް އެމްވީއާއި ހިއްސާކޮށްފައިވާ ގޮތުން މި އަހަރުގެ ސީޒަންއަށް މިފަދަ ކުއްލި ބަދަލެއް ގެނައި އިރު ބައެއް ކްލަބްތަކަށް ގެނައުމަށް ހަމަޖެފައިވާ ބިދޭސީ ކުޅުންތެރިންގެ ދެކޮޅު ޓިކެޓާއި ހޮޓެލް ބުކިންވެސް މިހާރު ހަދައިފައިވާކަމަށެވެ.

ހަމައެޔާއެކު މި އަހަރުގެ ސީޒަންގައި އަތޮޅު ތެރެއަށް ނިސްބަތްވާ ކްލަބްތައްވެސް ކުޅޭއިރު އެ ކްލަބްތަކުން ފަރިތަކުރުންތައް ފަށައިގެން ކުރިއަށް ގެންދަނިކޮށް މިފަދައިން މުބާރާތް ފަސްކުރުމަކީ އެ ޓީމުތަކަށްވެސް ލިބޭ ގޮންޖެހުމެއް ކަމަށެވެ.

އެންމެ ގިނަ ކްލަބްތަކުގެ ކަންބޮޑުވުމެއްގެ ގޮތުގައި މުބާރާތް ފަސްކުރަން ޖެހުމުން ފާހަގަކޮށްފައިވަނީ ބޮޑު ތިން މުބާރާތެއް ކުރު މުއްދަތެއްގެ ތެރޭގައި ކުޅެން ޖެހުމެވެ. އެގޮތުން މިހާރު ގެނެވުނު ބަދަލާއެކު މި އަހަރުގެ ވޮލީ ސީޒަންގައި ހިމެނޭ އެސޯސިއޭޝަން ކަޕް ގައުމީ ލީގު އަދި ގައުމީ މުބާރާތް ކުޅޭނީ 20 ދުވަސް ތެރެއަށް ފައްތައިގެންނެވެ.

މިފަދައިން ބޮޑެތި ތިން މުބާރާތް ގާތް ގާތުގައި ކުޅުމަކީ ކުޅުންތެރިންނަށް ރިކަވަރީ ވަގުތު ނުލިބި އަނިޔާވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއްގެ ގޮތުގައިވެސް ޓީމުތަކުން މިކަން ފާހަގަކުރިއެވެ.

ވީއޭއެމްގެ ސަރކިއުލަރގައި އިތުރަށް ބުނެފައިވަނީ، މި މުބާރާތްތަކުގެ ތާރީހުތަކަށް ބަދަލުގެންނަން ޖެހުމާއި ގުޅިގެން މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކަށް ދިމާވެދާނެ ދަތިތައް، ސްޕޯޓްސް މިނިސްޓަރާއި ހިއްސާކޮށް  މީގެ ކުރިން ވެސް ސްޕޯޓްސް މިނިސްޓްރީގެ ބޭނުމަށް ނަގާފައިވާ ދުވަސްތަކުގެ ތެރެއިން ޖުލައި 22 އާއި 23 ވެސް ވޮލީ އެސޯސިއޭޝަނަށް ދީފައިވާ ކަމަށެވެ.

އަދި އިންޑޯގައި ފަރިތަކުރުމުގެ ފުރުސަތު ޓީމުތަކަށް ހޯދައިދިނުމުގެ ގޮތުން މާލެ ސަރަހައްދުގެ އިތުރު ދެ ތަނެއްގައި އިންޑޯގައި ފަރިތަކުރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް މިނިސްޓްރީއާއި މަޝްވަރާ ކުރަމުން ގެންދާކަމަށްވެސް އެ ސަރކިއުލަރގައި ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި އިންޑޯ ކުޅިވަރުތައް ކުޅުމަށް ހާއްސަ ހަމައެކަނި އިންޑޯ ސަރުކާރުގެ ހަރަކާތްތަކާއި އަދި ސިޔާސީ ހަރަކާތްތަކަށްވެސް ދޫކުރަމުން ގެންދިއުމުގެ ސަބަބުން މުބާރާތްތައް ކުރިއަށް ގެންދިއުމަށާއި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ދަތިތަކާއި ކުރިމަތިވާ މައްސަލަތައް ގިނަ އެސޯސިއޭޝަންތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް