މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖޭގައިވެސް އިންޑޯ ކުޅިވަރުތައް ކުޅެން އޮތް ހަމައެކަނި ހޯލްކަމުގައިވާ ޒުވާނުންގެ މަރުކަޒުގެ އިންޑޯހޯލު އިޖުތިމާއީ ހަރަކާތްތަކަށް ބޭނުންކުރަން ފަށައި އިންޑޯ ކުޅިވަރުތައް ހިންގުމަށް ދަތިވެ ކުޅިވަރު މުބާރާތްތަކަށް އެކަމުގެ އަސަރު ކުރަން ފަށައިފިއެވެ. ވޮލީގެ އިތުރުން ބާސްކެޓާއި ނެޓްބޯޅަ ފަދަ އިންޑޯއަށް ޚާއްސަ ކުޅިވަރުތައް ކުޅުމަށް ރާއްޖޭގައި އޮތީ ހަމައެކަނި އެ ހޯލެވެ.
އެގޮތުން މި މަހުގެ 15 ގައި ކުރިން ފެށުމަށް ހަމަޖެހިފައިވާ ވޮލީ ބޯޅަ ސީޒަން އިންޑޯ ހޯލު ލިބުމުގެ ދަތިކަމާ ހުރެ މި މަހުގެ 18 ވަނަ ދުވަހު ފަށާގޮތަށް ހަމަޖައްސައި ޓީމުތައް މިހާރު ވަނީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައްވެސް މުޅިން އެކުއެކީހެން ނިންމައިފައެވެ.
އެގޮތުން ރާއްޖެއިން ބޭރުން ގެންނަ ކުޅުންތެރިންނާއި މުބާރާތުގައި ޓީމުތަކަސް މާލެއިން ބޭރުން އަންނަ ދިވެހި ކުޅުންތެރިންގެވެސް ދަތުރުތައް ހަމަޖައްސައި ގިނަ ދިވެހިކުޅުންތެރިންތަކެއް ޓީމާއެކު ފަރިތަކުރުންތައްވެސް ވަނީ ފަށައިފައެވެ.
އެހެން ނަމަވެސް މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށްޓަކައި އިންޑޯ ދޫކުރުމަށް ނިންމާފައިވާތީ އަނެއްކާވެސް ވޮލީ މުބާރާތް ފެށުން ލަސްކުރަން ޖެހިފައިވާކަން ވީއޭއެމްއިން އަންގައިފައިވާކަމަށް ބައެއް ޓީމުތަކުން ނިއުސްލިންކް އެމްވީ އަށް ވަނީ މައުލޫމާތު ދީފައެވެ.
އެގޮތުން މުބާރާތުގައި ބައިވެރިވާ އެންމެ ވަރުގަދަ އެއްޓީމުން މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެ ޓީމަށް ގެނައުމަށް ހަމަޖެހިފައިވާ ބިދޭސީ ކުޅުންތެރިންގެ ދެކޮޅު ޓިކެޓުގެ އިތުރުން އެ މީހުން މާލޭގައި ތިބޭ ގެސްޓް ހައުސްތައްވެސް މިހާރު ބުކްކޮށްފައިވާކަމަށާއި މިފަދައިން މުބާރާތް ފަސްކުރަން ޖެހުމަކީ ޓީމުތަކަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމުގައެވެ.
އިންޑޯ ލިބޭ ކުރު މުއްދަތަށް ފެއްތުމުގެ ގޮތުން މި އަހަރުގެ ވޮލީ ސީޒަންގެ ތިން މުބާރާތްވެސް ކައިރި ކައިރީގައި ކުރު މުއްދަތެއްގެ ތެރޭގައި ބޭއްވުމަށް ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ވަނީ މަޖުބޫރުވެފައެވެ.
މުބާރާތް ފަސްވިކަން ވީއޭއެމްއިން ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް އެކަން ޓީމުތަކަށް އަންގައިފައިވާކަމަށް އިތުބާރު ހުރި މަސްދަރުތަކުން ވަނީ ނިއުސްލިންކް އެމްވީއަށް ހިއްސާކޮށްފައެވެ.
ރާއްޖޭގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް މަދުވުމުގެ ސަބަބުން ދިވެހި ކުޅިވަރު އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދާކަމުގެ ވާހަކަތަކަކީ ގިނައިން ދެކެވޭ ވާހަކަތަކެކެވެ. އެހެން ނަމަވެސް އެކަމަށް އެދެވޭ މަސައްކަތެއް ކުރި ސަރުކާތެއް ކުޅިވަރުގެ ތާރީޚު ދެކެފައެއް ނެތެވެ. މިހާރު ބޭނުންކުރަމުން އަންނަ އިންޑޯ ކޯޓަކީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި އިމާރާތްކުރި ކޯޓެކެވެ. އޭގެ ފަހުން އިންޑޯ ހުރިހާ ކުޅިވަރެއްވެސް ކުޅެމުން އަންނަނީ އެތަނުގައެވެ.
މި ފަހަކަށް އައިސް ސަރުކާރުގެ ބޮޑެތި ރަސްމިޔާތުތަކާއި ސެމިނާތައް ބޭއްވުމުގެ އިތުރުން އެކި އެކި ސިޔާސީ ހަރަކާތްތަކަށްވެސް އިންޑޯ އަންނަނީ ދޫކުރަމުންނެވެ. އެކަމުގެ ސަބަބުން އިންޑޯގައި ފަރިތަކުރުންތައް ކުރިއަށް ގެންދާ ޓީމުތަކަށް އެކަމުގެ ބޮޑެތި ބުރޫތަކެއް އަރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.