މިނިވަންދުވަހާއި ދިމާކޮށް އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
ޔޫޝައު ހަސަން | 02 ޖޫން 2025

މި އަހަރުގެ މިނިވަންދުވަހާއި ގުޅިގެން ބާއްވާ ރަސްމިޔާތުގައި ބައިވެރިވެ ވަޑައިގަތުމުގެ ދައުވަތު އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް އަރުވައިފިއެވެ.

އިންޑިޔާގެ ނޫހެއްކަމަށްވާ  ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި)ގައި ރިޕޯޓްކޮށްފައިވާ ގޮތުން މި ދައުވަތު އެމަނިކުފާނަށް އަރުވައިފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މި އަހަރު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވެސް އަނެއްކާވެސް އެ ދަޢުވަތު މޯދީއަށް ދެއްވާފައިވާކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.

އެއާއެކު އެ ދައުވަތުގައި މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހުމުގެ ފުރުސަތު އޮތް އެއް ތާރީޚަކީ އަންނަ މަހުގެ 26ވަނަ ދުވަސް ކަމަށް ޓީއޯއައިގައި ރިޕޯޓުކޮށްފައިވެއެވެ.

މޯދީގެ އެ ދަތުރުފުޅުގެ ސީދާ ތާރީހެއް އަދި މުޅިން ފައިނަލް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖޭގެ އިތުރުން އިންޑިއާ ސަރުކާރުން ވެސް މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް