ރައީސްގެ ދެކަނބަލުން ޙައްޖުގެ އަޅުކަމަށް ފުރާވަޑައިގެންފި
ޔޫޝައު ހަސަން | 31 މެއި 2025

ސައުދީ ރަސްގެފާނުގެ ޚާއްސަ ދަޢުވަތުފުޅަކަށް  ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ހެނދުނު ޙައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިއުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

މި ދަތުރުފުޅާއި ގުޅިގެން ރައީސް ވަނީ އެމަނިކުފާނު ޙައްޖަށް ވަޑައިގަންނަވަނީ ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ދީފައިވާ 1،000 ކޯޓާގެ ތެރެއިން ނޫން އެމަނިކުފާނުގެ ދަކަނބަލުން ޙައްޖަށް ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނުގެ މެހްމާންދާރީގެ ދަށުންކަމުގައި ވިދާޅުވެފައެވެ.

މިދިޔަ އަހަރު ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަމަށް ވެސް ސައުދީން ދެއްވި ފުރުސަތެއްގައި އެ އަަހަރުގެ މެއި މަހު ވަޑައިގެންފައެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް