އެކި އެކި މައްސަލަތަކުގެ ތުހުމަތުތަކުގައި ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ޓެގް އެޅުވުމަށްފަހު ދޫކޮށްލަން ފަށައިފިއެވެ.
މިކަން ހާމަކުރައްވައި ރައީސް ޑރ މުހައްމަދު މުޢިއްޒު ވިދާޅުވީ، ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމަށް އަމަލުކުރުމުގެ މަސައްކަތް އަމަލީ ގޮތުން އިއްޔެ ފެށިފައިވާކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ، ކޯޓުން ކަނޑައަޅާފައިވާ ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފަށާފައިވާ ކަމަށާއި އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ވާނުވާ ބަންދުގެ ޒަމާންވީ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ މީހުންނަށް، ޕީޖީ އޮފީހުގެ ”އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު“ އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި ބަންދުގައިވާ މީހާގެ ވަކީލު މެދުވެރިކޮށް ލުޔަށް އެދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.