ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މިއަދު އައްޔަނުކުރައްވައިފިއެވެ.
ރައީސްގެ ހާއްސަ މުޝީރުކަމުގެ މަގާމަށް ވަހީދު އައްޔަން ކުރެއްވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައެވެ.
އެ ރަސްމިޔާތަށްފަހު ރައީސް އޮފީހުގައި ބައްދަލުކުރައްވައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޑރ ވަހީދު ވަނީ ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރައްވައި އެ މަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފައެވެ.