2007 ގެ ފަހުން އުފަންވާ މީހުންނަށް ދުންފަތް މަނާކުރާ ބިލު ތަޝްދީގު ކުރައްވައިފި
ޔޫޝައު ހަސަން | 21 މެއި 2025

2007 ވަނަ އަހަރުގެ ފަހުން އުފަންވާ ހުރިހާ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ”ޖެނެރޭޝަން ބޭން“ ގެ ބިލު ރައީސް ތަޝްދީގު ކުރެއްވީ، މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިޔާތެއްގައެވެ.

މި މަހުގެ 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސްކުރި މި ބިލު މިއަދު ތަޝްދީގު ކުރުމާއެކު  އެ އުމުރުފުރާގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުމަކީ ގާނޫނީ ކުށެއްގޮތުގައި ވަނީ ކަނޑައެޅިގެން ގޮއްސައެވެ.

މި ބިލް ތަސްދީގު ވުމާއެކު ދުންފަތުގެ ބާވަތްތައް ވިއްކޭނީ ހަމައެކަނި ލައިސަންސް އޮތް ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނުގައެވެ. އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިންތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ ވާނެއެވެ. އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުން މަނާކޮށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި ބޭނުންކުރުން ވެސް މަނާވާނެއެވެ.

ގުޅުންހުރި ލިޔުންތައް